މަސައްކަތު މޭޒު ދޮށުގައި ގިނަ ވަގުތު އިށީނދެގެން ތިބުމުގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކައި ގިނަ ބަހުސްތަކަކަށްފަހު ފަހަކަށް އައިސް "ސްޓޭންޑިން ޑެސްކް" ނުވަތަ ކޮޅަށް ތިބެގެން މަސައްކަތް ކުރެވޭ މޭޒުތައް ބޭނުންކުރުން ވަނީ އާއްމުވެފަ އެވެ.
ގިނަ މީހުން ގަބޫކުރާ ގޮތުގައި މިއީ ހަށިގަނޑަށް ދިމާވާ ސިއްހީ މައްސަލަތަކަށް ލިބޭނެ ފަރުވާ އެކެވެ. ނަމަވެސް، ފަހުގެ ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި ކޮޅަށް ހުރެގެން މަސައްކަތް ކުރުމަކީ އިށީނދެގެން އިނުމަށް ވުރެ މާ ބޮޑު ތަފާތެއް ގެނެސްދޭ ކަމެއް ނޫނެވެ.
ގިނަ ވަގުތު ކޮޅަށް ހުރުމަކީ ހަށިގަނޑަށް ކަސްރަތު ލިބޭ ކަމެއް ކަމަށް ހީވި ނަމަވެސް، މިއީ ހިތުގެ ދުޅަހެޔޮ ކަމަށާއި ލޭ ދައުރުވުމަށް ބޮޑު ކުރިއެރުމެއް ގެނެސްދޭ ކަމެއް ނޫން ކަމަށް މާހިރުން ފާހަގަކުރެ އެވެ.
ޖިސްމާނީ ހަރަކާތްތަކެއް ނެތި ހަމައެކަނި އެއްތަނެއްގައި ކޮޅަށް ހުރުމަކީ ހަށިގަނޑުގެ ބަރުދަން ފައިމައްޗަށް ބުރަވެ، މަސްތަކަށް ވަރުބަލިކަން ގެނުވާ ކަމެކެވެ.
އެއް ގޮތަކަށް ގިނަ ވަގުތު ކޮޅަށް ހުރުމުގެ ސަބަބުން ފައި ދުޅަވުމާއި، ލޭ ނާރުތަކަށް މައްސަލަ ދިމާވުމުގެ އިތުރުން މައިބަދައަށް ބާރުބޮޑުވުން ފަދަ ކަންކަން ކުރިމަތިވެދާނެ އެވެ. ހާއްސަކޮށް، މަސައްކަތު ވަގުތު މުޅިން ކޮޅަށް ހުންނަ މީހުންނަށް ފައިގެ ކުޑަހުޅަށް ތަދުވުމާއި ފައިގެ މަސްތައް އިރައިގެން ދިއުން ފަދަ އުނދަގޫތައް ކުރިމަތިވާކަން ދިރާސާތަކުން ދައްކަ އެވެ.
މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އިށީނދެ އިނުމާއި ކޮޅަށް ހުރުން ވަކި އުސޫލަކުން ބަދަލު ކުރުމެވެ.
ސިއްހީ މާހިރުން ލަފާދޭ ގޮތުގައި އެންމެ ފައިދާހުރި ގޮތަކީ ކޮންމެ 30 މިނެޓަކުން ކޮޅަށް ތެދުވެ ކުޑަކޮށް ހިނގާލުން ނުވަތަ ހަށިގަނޑު ސްޓްރެޗް ކޮށްލުމެވެ. މިއީ ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ، ވަރުބަލިކަން ކުޑަ ކޮށްދޭނެ ކަމެކެވެ.
އެހެން ކަމުން ސްޓޭންޑިންގް ޑެސްކް ބޭނުން ކުރުމަކީ ހުރިހާ ސިއްހީ މައްސަލަތަކަށް އޮތް ހައްލެއް ކަމަށް ދެކުމުގެ ބަދަލުގައި، ހަށިގަނޑަށް އެކަށީގެންވާ ވަރަށް ހަރަކާތްތެރިވުން މުހިއްމެވެ.
ކޮޅަށް ހުރުމާއި އިށީނދެ އިނުން މެދު މިންވަރެއްގައި ބަހައްޓައި، ގަވާއިދުން ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ ބޭނުންވާނެ ކަންކަމެވެ.
އައިސްކްރީމް ކެއުމުން ބޮލަށް ތަދުވަނީ ކީއްވެ؟
ޑީޖޭއޭގެ ވެރިއަކަށް ޕީއެންސީގެ ވަކީލު ޝަމީމް