ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސުގައިވާ ބިންތައް މައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނާމެދު ބަހުސްކުރުން އެޖެންޑާ ނުކޮށް، މަޖިލީހުގެ ޕެޓިޝަން ބަލައިގަތުމުގެ އުސޫލަށް ބަދަލު ގެނައުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ގަވާއިދުގެ 257-1 ގެ (ޅ) އުނިކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ ކަންތައްތަކެވެ.
މެންބަރު މަމްދޫހު އުނިކުރަން ހުށަހެޅުއްވި މާއްދާގައި ބަޔާންކޮށްފައި ވަނީ މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.
މި ބަދަލު ގެންނަން ހުށަހެޅުއްވީ ސަރުކާރުގެ އެންގުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލް ކުރިއަށް ގެންދަން ސ. މީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު އިސްވެ ހުށަހެޅުއްވި ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން، އެ ޕެޓިޝަން މަޖިލީހުގެ ކޮމިޓީއަށް އޮޅިގެން ފޮނުވިފައި އޮތުމުންނެވެ. އެހެންވެ އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމުގެ ޖާގަ ހޯދުމަށް މަމްދޫހު ވަނީ މި އިސްލާހު ހުށަހަޅުއްވާފަ އެވެ.
މީދޫ ކައުންސިލްގެ ރައީސް އަކީ އަމިއްލަގޮތުން އިންތިހާބުވި ޕީއެންސީއަށް ނިސްބަތްވާ ބޭފުޅެކެވެ.
ބިންތައް އަތުލެވޭ ބިލު ފާސްކުރުމަށް ގޮވާލައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ވެރިކަން ކުރާ ޕާޓީގެ މެންބަރުން ލައްވައި ސޮއިކުރުވައިގެން ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް މިހާރު އޮތް އުސޫލުގެ މަތިން އެއް ކަމަކާ ގުޅޭ ގޮތުން އެއް ޕެޓިޝަނަށް ވުރެ ގިނަ ޕެޓިޝަން ހުށައެއް ނޭޅޭނެ އެވެ.
މަމްދޫހު ހުށަހެޅުއްވި ގޮތަށް ގަވާއިދުން އެ ބައި އުނިކޮށްފިނަމަ، އެއް މައުޟޫއަކަށް ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ލިބި، މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ މުޅި ނިޒާމު އޮޅުންބޮޅުން ވެގެންދާނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، އެކަމާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް ބަހުސްކުރުން ފަސްކޮށް، ގަވާއިދަށް ބަދަލު ގެންނަން އުޅޭ ސަބަބެއް ވެރިކަން ކުރާ ޕީއެންސީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ހަންނާނު ހުށަހެޅުއްވި ބިލް ބޭރުކޮށްލަން އެދި ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަންގައި 2300 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. އެ ޕެޓިޝަން ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެޖެންޑާކުރަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފައިވީ ނަމަވެސް، މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެ އެވެ.
އައިސްކްރީމް ކެއުމުން ބޮލަށް ތަދުވަނީ ކީއްވެ؟
ދުނިޔޭގެ އެންމެ ބޮޑު އަންހެން ސެޓެލައިޓް މިޝަންގައި ދިވެއްސެއް
"އެވެންޖާސް: ޑޫމްސްޑޭ: ޑރ. ޑޫމްގެ މާޒީ ދައްކާލައިފި
