ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އެ ކަމުގެ އަސްލަކީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މުއައްސަސާތަކުގެ އިތުބާރާ މެދު ސުވާލު އުފެއްދެވީ އެ ކަމާ ގުޅުވައިގެންނެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ވިފާގު އިބްރާހީމް އަދުނާންގެ މަރުގެ މައްސަލަ ތަހުގީގު ކުރަން މިނިސްޓަރަށް ކެރިވަޑައިގަތްތޯ ސުވާލު ކުރައްވާފަ އެވެ. އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.

ވިފާގު މަރުވީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އޭނާ ދިރިއުޅުނު މ. ހަސޯވާގޭގެ 10 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ. އެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބުނެ ޕީއެންއެފުން އަންނަނީ ތުހުމަތުތަކެއް ކުރަމުންނެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި އާއިލާއަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ޖިންސީ ގޯނާގެ ނިޝާނެއް އޭނާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ. އެ މަރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ޖިނާއީ ތަހުގީގަކަށް ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ދެއްކެވިޔަސް ފުލުހުންގެ މުއައްސަސާގެ އިތުބާރު ގެއްލިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ މުއައްސަސާތަކެއްގެ އިތުބާރު ހޯދަން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މުޅި ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކެއްގެ އިތުބާރު ހޯދަން ހަމަ ވަރުގަދަ މަސައްކަތްތަކެއް ކުރަން މި ޖެހެނީ. އެ މަސައްކަތްތަކެއް [ރައީސް] މުއިއްޒަކަށް ނުކުރެވޭނެ. އެއީ [ރައީސް] މުއިއްޒަކީ ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ނަގާލުމުގައި މެދުވެރިވި އެންމެ ވަރުގަދަ ވަސީލަތް،" ޔާމީން ވިދާޅުވި އެވެ.

އެ މަސައްކަތް ރައީސް މުއިއްޒަށް ނުކުރެއްވޭނެ ކަމަށާއި އޭގެ އަސްލަކީ އެމަނިކުފާނު ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.