މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާ ނަމަ، އެކަން ކުރާ ފަރާތްތައް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު އިސްލާހުކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ފެށުމުގައި ބިލު ހުށަހެޅީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އިހްތިޔާރީ އުސޫލު އުވާލައި، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ.
ނަމަވެސް ކޮމިޓީން ކުރިން އެ ބިލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ނަމަވެސް، އިތުރު އިސްލާހުތަކެއް ގެންނަންޖެހޭތީ އިއްޔެގެ ޖަލްސާގައި ވަނީ އަލުން ކޮމިޓީއަށް ބިލު ފޮނުވާލާފަ އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ގެނެސްފައިވާ އިސްލާހުތަކުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓުން ބޭރުން ނުވަތަ އެއަށް ވުރެ މަތީ ރޭޓެއްގައި އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ބޭރު ފައިސާ ވިއްކުމާއި، ވިއްކަން އުޅުމަކީ ވެސް ޖިނާއީ ކުށެކެވެ. އެފަދަ ކުށެއް ކުރާ ފަރާތްތައް ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މީގެއިތުރުން މި އިސްލާހުގައި މަރުކަޒީ ބޭންކުގެ ރޭޓަށް ވުރެ މަތީ އަގުތަކުގައި ބޭރު ފައިސާގެ ވިޔަފާރިކުރުން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން ވެސް ވަނީ ކުށަކަށް ހަދާފަ އެވެ.
ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެނޫންވެސް އެހެން ގޮތްގޮތުން އާންމުންނަށް އެނގޭނެހެން ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، އެފަދަ މައުލޫމާތު ފެތުރުމާއި، ތަކުރާރުކޮށް ފޯރުކޮށްދިނުން އިޝްތިހާރުކުރުމުގެ ތެރޭގައި ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ހިންގައިފި ނަމަ 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި މިފަދައިން ކަޅުބާޒާރުގެ ރޭޓުތައް އާންމުކުރަނީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، 100,000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު ޖޫރިމަނާއެއް ކަނޑައެޅޭނެ އެވެ.
ރާއްޖޭގައި އާންމުކޮށް ބޭރު ފައިސާގެ ގޮތުގައި ބޭނުންކުރާ އެމެރިކާ ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، ކަޅުބާޒާރުގައި މިހާރު ޑޮލަރެއްގެ އަގު އުޅެނީ 22 ރުފިޔާއަށް ވުރެ މަތީގަ އެވެ.
ހަލަބޮލި ދިރިއުޅުމުގައި ކަސްރަތަށް ވަގުތު ހުސް ނުކުރެވެނީތަ؟
ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ 2،000 ރުފިޔާގެ ފީއެއް
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟