ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިން ވަނަ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ގދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އައްޔަންކޮށްފި އެވެ.

އެފްޑީސީން ބުނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފައިހަތު ހަމަޖެހިގެން ދިއުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު އުފަލެކެވެ.

އެފްޑީސީން ބުނި ގޮތުގައި ފައިހަތުގެ ލީޑަޝިޕްގެ ދަށުން އެ ކޯޕަރޭޝަނަށް އިތުރު ކާމިޔާބީތަކާއި ދެމެހެއްޓެނިވި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

މި މަގާމަށް އައްޔަންކުރެވުނު ފައިހަތަކީ މީގެކުރިން ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މި އައްޔަންކުރުމާއެކު، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މަގާމުގައި މިހާރު ތިން ބޭފުޅުން ތިއްބަވާނެ އެވެ. އެއީ އާދަމް މުހައްމަދާއި އިބްރާހީމް ރައްޒާނެވެ.

އެ ކުންފުންޏަށް ތިން ވަނަ ޑީއެމްޑީއަކު އައްޔަންކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.