ލޯކަލް ކައުންސިލްތަކުގެ ބިންތަކާއި އިމާރާތްތައް ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ޕެޓިޝަނަށް ބަހުސްކުރުމަށް ކޮންމެ ޕެޓިޝަނަކަށް ގަޑިއިރެއްގެ ވަގުތު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ އެ ދެ ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް ސޮއި ހަމަވުމާ ގުޅިގެން، ބަހުސް ކުރިއަށްގެންދާނެ އުސޫލެއް ކަނޑައެޅުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި ކޮންމެ ޕެޓިޝަނަކަށް ގަޑިއިރެއްގެ ވަގުތު ދިނުމަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ހުށަހެޅުއްވުމަށް އަލިފުށި ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ތާއީދުކުރެއްވުމުން ކޮމިޓީން އެގޮތަށް ފާސްކުރީ ފެންނަކަމަށް ދެއްވި ހަތަރު މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގައިވާ އުސޫލުގެ ދަށުން ބަހުސްގެ ވަގުތު ބެހުމަށް ހަމަޖެހިފައިވަނީ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިއްބެވި ނިސްބަތުންނެވެ. އެގޮތުން ކަނޑައެޅޭ ވަގުތުގެ ހަތަރުބައިކުޅައެއްބައި ޕާޓީތަކުގެ މެދުގައި ބަހައި، ބާކީ ވަގުތު ހުރިހާ މެންބަރުންގެ މެދުގައި ހަމަހަމައަށް ބެހުމަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ އެންގުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު ބޭރުކުރުމަށް ގޮވާލައި އާންމުންގެ ޖަމިއްޔާގެ ފައުންޑަރު މިދުއަމް ސައުދު ހުށަހެޅުއްވި ޕެޓިޝަނުގައި 2300 އަށްވުރެ ގިނަ މީހުން ސޮއިކުރި އެވެ. އެއާއެކު ސަރުކާރުން ބޭނުންވާ ގޮތަށް ބިލު ފާސްކުރަން ގޮވާލައި އިތުރު ޕެޓިޝަނެއް ހުށަހެޅިއެވެ.

ސަރުކާރުގެ އެންގުމަށް އައްޑޫ މީދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާތިރު ހުށަހެޅުއްވި އެ ޕެޓިޝަނަށް 10،000އަށް ވުރެ ގިނަ މީހުން ސޮއި ލިބިފައިވެ އެވެ. އެ ޕެޓިޝަނަށް އެހާ ގިނަ ސޮއި ހޯދީ ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައިގެންނެވެ.