ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން މުހައްމަދު ހަލީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މި މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ކުރިން ކަނޑައަޅާފައި އޮތީ ރިސޯޓުތަކުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް، ކޮމިޓީ މަރުހަލާގައި އަލުން ބިލަށް ބަދަލުތަކެއް ގެނެސް ފާސްކުރީ ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށެވެ.

މި އިސްލާހާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަޅު ބާޒާރުގެ މައްސަލައިގައި މުޅި ސިނާއަތަށް އެއްކޮށް އަސަރުކުރާ ގޮތަށް ސިޔާސަތު ބަދަލުކުރުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މި ބިލު ދިރާސާކުރިއިރު ސިނާއަތުގެ ހިއްސާދާރުންގެ މަޝްވަރާ ފުރިހަމައަށް ހޯދާފައި ނުވާކަންވެސް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

ހަލީލް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ފަތުރުވެރިކަން އިޝްތިހާރުކުރާ ސަރުކާރުގެ ކުންފުނި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝިއުރީ ވެސް މީގެ ކުރިން އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.