ސަސްޕެންޑް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އޮފް އާމްސް މުހައްމަދު ހަލީމުގެ މައްސަލަ ދިރާސާކުރާ އާންމު ކޮމިޓީން ގޮތެއް ނިންމުމަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވައިފި އެވެ.
ހަލީމަކީ މަޖިލީހުގެ ޗެމްބަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ މީހާ އެވެ. އޭނާ ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީ މިދިޔަ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.
ހަލީމް ސަސްޕެންޑް ކޮށްފައިވާކަން މަޖިލީހުގެ އިދާރާއިން އެ ދުވަހު އޭނާއަށް ފޮނުވި ސިޓީއެއްގައި އެންގުމަށް ފަހު މަޖިލީހުގެ އިދާރީ މުވައްޒަފުން ތިބޭ ސޯޝަލް މީޑިއާ ގުރޫޕްތަކުން ވެސް އޭނާ ވަނީ ބޭރު ކޮށްފަ އެވެ.
އޭނާގެ މައްސަލައިގެ ބާވަތުން ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެން ކަމަށް ވާތީ ހަލީމްގެ ސަސްޕެންޝަނާ މެދު ކޮމިޓީން ނިންމި ގޮތް އަދި ސާފެއް ނޫނެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އާންމު ކޮމިޓީގެ މުގައްރިރު ހަސަން ލަތީފު ވިދާޅުވީ ހަލީމްގެ ސަސްޕެންޝަންގެ މައްސަލަ ކޮމިޓީން ބެލުމަށް ފަހު އޭނާއާ މެދު ގޮތެއް ނިންމައި ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ރައީސަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ.
މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ކޮމިޓީގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ރިޕޯޓް ހާމަ ކުރާނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން ކަމަށެވެ.
ސަސްޕެންޝަންގެ މައްސަލާގައި ސުވާލު ކުރުމުން ހަލީމް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަން އަދި އަންގާފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.
ހަލީމް ސަސްޕެންޑް ކުރި އިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ ކޮޓަރިކޮޅު "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފެށި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ މަޖިލީހުގެ ކޮޓަރިކޮޅެއްގައި ދެކެވޭ ވާހަކަތަކެއް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ސަމާލު ކަމަށް ގެންގޮސްފައި ވާނެ ކަމަށެވެ.
މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވި ދުވަސްވަރު 2013 ވަނަ އަހަރު އެވެ.