އައްޑޫގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ނިސްބަތްވާ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ އައްޑޫގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާތީ އެވެ.

ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ފިރިހެނުންނެވެ. ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފައި މިވަނީ އެކަހަލަ އެންމެން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވާފައި ވަނިކޮށެވެ.

މިއަދު ފުލުހުން ބުނީ އައްޑޫގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް އަދި ހަތަރު މީހެއްގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަށް ފަހު މުޅި ރާއްޖޭގެ ސެކިއުރިޓީ ލެވަލް އެންމެ މައްޗަށް ވަނީ ޖައްސާފަ އެވެ. އަދި ސިފައިން ދަނީ މުޅި ރާއްޖޭގައި ހަތިޔާރާ އެކު ހަރަކާތްތެރިވެ، ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް އޮޕަރޭޝަން ހިންގަމުންނެވެ.