މަސްޖިދުލް އަގުސާއަށް ނަމާދު ކުރަންދިޔަ ބަޔަކާއި އިޒްރޭލްގެ ފުލުހުންނާ ދެމެދު ހަމަ ނުޖެހުން ހިނގައިފި އެވެ. ފަލަސްތީނުގެ ޒުވާނުން ގާ އުކައިފި އެވެ. އިޒުރޭލް ސިފައިން ބަޑިޖަހައި ފަލަސްތީންގެ އެތައް ބަޔަކު މަރައިފި އެވެ. ހަމާސް އިން އިންޒާރު ދީފި އެވެ. އިޒްރޭލްގެ އުދުވާނުތަކަށް ފަހަތަށް ނުޖެހޭނެ ކަމަށް ބުނެ ހަމާސް އިން ރޮކެޓެއް ފޮނުވައިފި އެވެ. ބަދަލު ހިފުމުގެ ގޮތުން ހަމާސްގެ މަރުކަޒުތަކަށް އިޒުރޭލުން ބޮން އަޅައިފި އެވެ. އިޒުރޭލުގެ ހަމަލާގައި މަރުވެ ދިޔައީ އެތައް ބައިވަރު ކުޑަކުދިންތަކަކާ އަންހެނުންނެވެ. އދ. އާ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ. ދެ ފަރާތުން ވެސް މައްސަލަ ފިނިކުރުމަށް ގޮވާލައިފި އެވެ. އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް ގޮވަމުން އިޒްރޭލަށް ދިފާއުވުމުގެ ފުރިހަމަ ހައްގު އޮތްކަމުގައި ގަބޫލުކުރާ ވާހަކަ ބުނެފި އެވެ.

މަތީގައި އެވާ ޕެރެގްރާފަކީ އެއްވެސް ޚަބަރެއް ބަލައިގެން ނުވަތަ މައުލޫމާތެއް ހޯދައިގެން ލިޔެފައިވާ ލިޔުންކޮޅެއް ނޫނެވެ. ސުވާލަކީ އެ ވާހަކަކޮޅާ މިހާރު ފަލަސްތީނުގައި ހިނގާ ކަންތައްތަކާ އެއްގޮތް ކަމެއް އެބައޮތް ހެއްޔެވެ؟ އެއްގޮތް ނަމަ އެއީ ކިހިނެއްވި ކަމެއް ހެއްޔެވެ؟ ޖަވާބު ވަރަށް ކުރުވެފައި ސާދާ އެވެ. އެއީ އަބަދު އަޑު އިވި އިވި ބާވެފައިވާ ވާހަކަތަކެއް ކަމުން ހިތު ދަސްވެފައި ވަނީ އެވެ.

މިހާރު މިއޮތް ފަލަސްތީނުގެ މައްސަލައަކީ މީގެ ސަތޭކަ އަހަރު ކުރިން އުފަންވި މައްސަލައެކެވެ. އޭގެ ކުރީގައި ފަލަސްތީން (މިހާރުގެ އިޒުރޭލް އޮތް ބިންވެސް ހިމެނޭހެން) އޮތީ އުސްމާނީ ޚިލާފަތުގެ ދަށުގަ އެވެ. އުސްމާނީ ޚިލާފަތަކީ އޭރު މެދުއިރުމައްޗާ އެފްރިކާ އާއި ޔޫރަޕްގެ ބައިތަކެއް ހިމެނޭހެން ބިނާވެފައި އޮތް މުސްލިމުންގެ ވެރިކަމެކެވެ. މިވެރިކަމުގެ މައި މަރުކަޒަކީ ތުރުކީ އެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށިގެން އައިއިރު އެ ހަނގުރާމައަކީ މުސްލިމުންނާ އެއްވެސް ގުޅުމެއް ހުރި ހަނގުރާމައެއް ނޫނެވެ. އެއީ ޖަރުމަނާއި ޔޫރަޕްގެ ބައެއް ގައުމުތަކާމެދު ހިނގި ހަނގުރާމައެކެވެ. ޖަރުމަނާ ދެކޮޅަށް ފްރާންސާއި އިނގިރޭސިންނާއި ރޫސީން އެކުވެގެން ހަނގުރާމަ ކުރަމުން ގެންދިޔައިރު އެ މީހުންގެ ހިތުގައި އުސްމާނީ ދައުލަތާމެދު އޮތް ނުތަނަވަސްކަން ވަކި ކުޑައެއް ނޫނެވެ. އީސްޓާން ޔޫރަޕްގެ ގިނަ ގައުމުތަކެއް ފަތަހަކޮށް ހުޅަނގު ޔޫރަޕްގެ ދޮރާށީގައި ޓަކި ޖަހަޖަހާ އޮތް އުސްމާނީ ވެރިކަމަކީ އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއްބާރެވެ.

އެހެންކަމުން އެ ދައުލަތް ބަލިކަށިކޮށް ބައި ބައި ކޮށްލުމަކީ ޔޫރަޕްގެ އިއްތިހާދުގެ ބޭނުމަކަށް އޮތީވެފަ އެވެ. އެ ވަގުތު ޔޫރަޕަށް ލިބުނު އެންމެ ބޮޑު އެހީއަކަށް ވީ މެދު އިރުމަތީގެ އަރަބިންނެވެ. މުޅި މެދުއިރުމަތީގެ އަރަބި ގައުމުތައް ހިމެނޭ އަރަބި ރަސްކަމެއް އުފެއްދުމުގެ ދަހިވެތިކަމުގައި ތިބި އަރަބިން މެދުވެރިކޮށް އުސްމާނީ ދައުލަތާ ދެކޮޅަށް އަރަބިން ތެދުކޮށް ހަނގުގުރާމަ ކުރުވި އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުއިރު ތުރުކީގައި އޮތް އުސްމާނީ ޚިލާފަތު ވަނީ ނިމުމަކަށް އައިސްފަ އެވެ. އޭގެ ބަދަލުގައި މިހާރު މިފެންނަ ތުރުކީ ގައުމެއްގެ ގޮތުގައި އުފަންވި އެވެ. މެދުއިރުމަތީގެ ޔޫރަޕްގެ އިއްތިހާދާއި ގުޅުނު ހުރިހާ ގައުމެއް ޔޫރަޕްގެ އަތް ދަށަށް ދިޔަ އެވެ. ފަލަސްތީނުގެ ބިން އިނގިރޭސިންގެ ދަށަށް ދިޔަ ހިސާބަކީ އެއީ އެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތެއް ގާއިމުކުރަން އިނގިރޭސިންނާއި ޔަހޫދީ މަހުޖަނުންގެ މެދުގައި އެއްބަސްވުމެއްގައި އޭރު އޮތީ ސޮއިކޮށްފަ އެވެ. ހަނގުރާމަ ނިމި ދުނިޔޭގެ ސުލްހަ އަށް އުފެއްދި ލީގް އޮފްނޭޝަންސް އިން މިއެއްބަސްވުން ތަންފީޒު ކުރުމުގެ ޒިންމާ އިނގިރޭސިންނާ ހަވާލުކުރި އެވެ. އެ ހިސާބުން ފަލަސްތީނުގައި އުފެދެން ފެށި ހަމަނުޖެހުން ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން ދެމިގެން ދިޔަ އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ލީގު އޮފް ނޭޝަންސް އުވާލައި އުފަންކުރި ޔުނައިޓެޑް ނޭޝަންސް (އދ) 1947 ގައި ނިންމީ ފަލަސްތީނުގެ ބިން ދެ ބަޔަށް ބަހާލައި ޔަހޫދީންނާއި އަރަބިންނަށް ދެ ދައުލަތެއް ގާއިމު ކޮށްދޭށެވެ. މި މަސައްކަތް ވެސް ހަވާލު ކުރެވުނީ އިނގިރޭސިންނާ އެވެ.

އެހިސާބުން ފަލަސްތީނުގެ އަރަބިންނާއި ޔަހޫދީންގެ މެދުގައި ހަމަ ނުޖެހުން ފެށުނެވެ. 1948 ގައި އިނގިރޭސިން އެ މަސައްކަތުން އަތްދޫކޮށްލި އިރު، ޔަހޫދީ ދައުލަތެއް އޮތީ އިޒުރޭލުގެ ނަމުގައި ގާއިމުވެފަ އެވެ. ފަލަސްތީނުގެ ބިންތަކަށް އިޒުރޭލުން އަރައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ފެށުނު ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ރެފިއުޖީންނަށްވި އެވެ.

1967 ގައި މިސްރު އިސްވެ އޮވެ އަރަބިންނާ އިޒުރޭލާ ދެމެދު ކުރެވުނު ހަނގުރާމައިން ބަލިވީ އަރަބިންނެވެ. ހަނގުރާމަ ނިމުނު މަސްޖިދިލް އަގުސާ ހިމެނޭ އިރުމަތީ ޖެރޫސަލަމް ނުވަތަ އިރުމަތީ ގުދުސާއި ގާޒާއާއި ވެސްޓް ބޭންކް އޮތީ އިޒުރޭލުގެ އަތްދަށުގަ އެވެ. އޭގެ ފަހުން އިޒުރޭލްގެ އަނިޔާ ފަލަސްތީނުގެ އަރަބި މުސްލިމުންގެ މައްޗަށް ދިޔައީ ދުވަހަކަށް ވުރެ ދުވަހަކަށް އިތުރު ވަމުންނެވެ. އިޒުރޭލުގެ އަނިޔާ ވެރިކަން ހައްދު ފަހަނަޅައި ދިޔުމުން އދ. ގެ ގަރާރު ނަމްބަރު 242 އިން ފަލަސްތީނުގެ ބިމުން ހިފާފައިވާ ބިންތަކުން ފޭބުމަށާއި އެ މީހުންގެ ހައްގުތަކަށް އިހުތިރާމުކުރުމަށް ގޮވާލި ކަމުގައި ވިޔަސް އިޒުރޭލުން ދުވަހަކު އެ މީހުން ހިފި ބިމުން އިންޗިއަކަށް ވެސް ފަހަތަކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ގެންދިޔައީ އެ ބިންތަކުގައި ޔަހޫދީން އާބާދު ކުރަމުންނެވެ. އެކަމަށްޓަކައި އަރަބި މުސްލިމުން އެ މީހުންގެ ގެދޮރުން ބޭރުކޮށް ފައްސާލަމުންނެވެ.

އދ. ގެ ގަރާރުތަކަށް އިޒުރޭލުން ބޯލެނބުމެއް ނެތި ހިފާފައިވާ ބިންތައް އަމިއްލަ ކުރަމުން ގެންދިއުމުގެ ހަރަކާތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ 2017 ވަނަ އަހަރު އެމެރިކާގެ ސަރުކާރުން އީސްޓް ޖެރޫސަލަމަކީ އިޒުރޭލުގެ ބައެއް ކަމަށް ގަބޫލުކޮށް އެ ގައުމުގެ އެމްބަސީ އެ ރަށަށް ބަދަލު ކުރުމެވެ. އެހިސާބުން ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފައްދައި ދިނުމާއި އެ ދައުލަތުގެ ވެރި ރަށެއްގެ ގޮތުގައި އީސްޓު ޖެރޫސަލަމް އޮތުމަށް އެމެރިކާވެފައިވާ އެއްބަސްވުން ނިމުމަކަށް އައީ އެވެ.

މިއަދު ފެންނަމުން މިދަނީ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ކޮންމެ މީހެއްގެ ކޮންމެ ގެއަކީ ވެސް އިޒުރޭލުން ބޭނުން ހިނދެއްގައި ނަގައިގަނެ ޔަހޫދީން ވަޒަންވެރި ކުރެވޭ ފަދަ ތަންތަންކަމުގައި ވެފައިވާ ތަނެވެ. އެންމެ ފަހުން މިހާރު ހިނގަމުންދާ ފަލަސްތީނު އިޒުރޭލް ހަނގުރާމަ ވެސް ގުޅިފައި ވަނީ އިޒުރޭލުގެ ޔަހޫދީން ވަޒަންވެރިކުރަން އިތުރު ބިންތަކަކުން ފަލަސްތީނުގެ ރައްޔިތުން ނެރެ، އެ ބިންތަކަށް އަތްގަދަ ކޮށްލަން ފެށި މަސައްކަތަކާ އެވެ.

މި ހަމަނުޖެހުން ބިރުވެރި ހަނގުރާމަޔަކަށް ބަދަލުވެ، ފަލަސްތީނުގެ ރައްޔިތުން ކަތިލެވެމުން ދާއިރު ދުނިޔޭގެ ބާރުތައް ތިބެނީ ނޭނގޭ ކަމަށް ހަދައިގެންނެވެ. މުސްލިމު ގައުމުތަކުންނާއި އެމެރިކާއާއި ނުފޫޒު ގަދަ އެހެން ގައުމުތަކުން ވެސް ހަމަ އެކަނި ގޮވާލަނީ ދެ ފަރާތުން ސުލްހަވެރިވުމަށެވެ. އިޒުރޭލްގެ އުދުވާނުގެ ކުރިމަތީގައި އެއަށްވުރެ ބޮޑު ވަރެއް ކޮށްލަން ކެރޭނެ ބަޔަކު މިއަދު ދުނިޔެއަކު ނެތެވެ.

ފަލަސްތީނުގެ ރައްޔިތުންގެ އަޑު އަހައި އެ މީހުންނާ އަޅާލުމަށް ދުނިޔޭގެ ބާރުތަކުން ބޭނުމެއް ނުވެ އެވެ. ފަލަސްތީނުގެ ރައްޔިތުން މަރައި ގެދޮރުން ބޭރުކުރާ މަންޒަރާއި އޭގެ ޚަބަރުތަކަކީ ކޮންމެ ދުވަހަކު އިވޭ އާދައިގެ ޚަބަރުތަކަކަށް ވެއްޖެ އެވެ. އެ ޚަބަރުގައި އާ އެއްވެސް ކަމެއް ނެތެވެ. އޮތްހާ ވެސް އެއްޗަކީ އިޒުރޭލްގެ އަނިޔާވެރިކަމާއި ފަލަސްތީނުގެ މުސްލިމުންގެ ނިކަމެތި ހާލެވެ. އެކަން ނޭނގޭ އެކަކު ވެސް ނެތެވެ. މިނުބައި އަމަލުތައް ހުއްޓުވުމަށް އެއްވެސް ކަމެއް ކުރާނެ ގައުމެއް މިއަދު ދުނިޔެއަކު ނެތެވެ.