ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ބައި މިލިއަނެއްހާ މިޔަރު މަރާލާނެ ކަމަށް ބުނެ ވައިލްޑް ލައިފް އެކްސްޕާޓުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެ އެވެ.
އާންމުކޮށް މިޔަރު ޝިކާރަކޮށް އުޅެނީ އޭގެ ލިވާގައި ހުންނަ ގުދުރަތީ ތެލެއް ކަމަށްވާ ސްކުއަލީން ނެގުމަށެވެ. އަދި މި ތެލަކީ ބޭސްވެރިކަމަށް ބޭނުންކުރެވޭ އަދި މިހާރު ބޭނުންކުރާ ފްލޫ ވެކްސިންތަކުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ.
ވެކްސިން އުފެއްދުމުގައި މި ތެޔޮ ބޭނުންކުރުމުން ވެކްސިންގެ ބާރުގަދަވެ ދިފާއީ އިޖާބަ ވެސް ވަރުގަދަކޮށްދެ އެވެ. އެހެން ކަމުން ކޮވިޑް-19 އަށް ތައްޔާރުކުރެވޭ ބައެއް ވެކްސިންތަކުގައި މި ތެޔޮ ބޭނުންކުރެވެމުން އެބަދެ އެވެ.
ވޯލްޑް-ވައިޑް ކޮންސަވޭޝަނިސްޓް ގްރޫޕް ޝާކް އެލައިންސް އިން ބުނާގޮތުން އޭގެ ތެރެއިން އެންމެ ވެކްސިނެއް ވެސް ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފަށައިފި ނަމަ ކޮންމެ މީހަކަށް އެއް ޑޯޒް ތައްޔާރުކުރަން 250،000 މިޔަރު މަރާލަން ޖެހިދާނެ އެވެ.
ބައެއް ސައިންވެރިން ބުނާގޮތުގައި ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހިދާނެ އެވެ. މިހެން ވެއްޖެއްޔާ 500،000 މިޔަރު މަރާލަން ޖެހޭނެ ކަމަށް އެ ގްރޫޕްގެ ހިސާބުުތަކުން ދައްކަ އެވެ.
ޝާކް އެލައިންސްގެ ފައުންޑާ އަދި އެގްޒެކެޓިވް ޑިރެކްޓާ ސްޓެފަނީ ވިދާޅުވި ގޮތުގައި ޖަނަވާރެއް ބޭނުންކޮށްގެން ތައްޔާރުކުރާ އެއްވެސް އެއްޗަކީ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.
އެ ގްރޫޕުން މިހާރު ދަނީ ސްކުއަލީންގެ ބަދަލުގައި އެހެން ދެމެހެއްޓެނިވި ބާވަތެއްގެ އެއްޗެއް ބޭނުންކޮށްގެން ވެކްސިނެއް އުފެއްދުމަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރުކުރަމުންނެވެ.