ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުވެ، އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތައް ހަފްތާއަށް އިތުރުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މެއި މަހުގެ 11 ވަނަ ދުވަހު އެޅި ފިޔަވަޅުތައް އިރުރު ހަފްތާއަކަށް މުއްދަތަށް އިތުރުކުރާ ކަމަށެވެ.

އެ އެންގުމުގައިވާ ގޮތުން، ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގާނެ އެވެ. އެ ވަގުތުތަކުގައި ހުއްދަނެތި ބޭރުގައި އުޅޭޭ މީހުންނަށް ފުލުހުން ފިޔަވަޅު އަޅާނެ އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފަ އެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާ ސުކޫލުތަކާއި ކޮލެޖް އަދި ޔުނިވާސިޓީތައް ވަނީ ބަންދުކޮށް ފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފަ އެވެ.