އައްޑޫގައި ކޮވިޑް-19 ގެ ހާލަތު މިހާރު އޮތީ ކަންބޮޑުވާން ޖެހޭ ސީރިއަސް ހާލަތެއްގައި ކަމަށާއި، ބަލި ކޮންޓްރޯލްކުރަން ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ހާލަތު މިހާރު އޮތް ގޮތުން އައްޑޫ ލޮކްޑައުންކަށް ދާން ގިނަ ބަޔަކު ލަފާ ވެސް ދެމުން އަންނަ ކަމަށެވެ. އެކަމަކު ލޮކްޑައުންއަކަށް ދިއުމަކީ އެންމެ އުނދަގޫ ނިންމުން ކަމަށް ވާތީ މި ވަގުތު އޮތް ގޮތަކީ ބަލިން ރައްކާތެރިކަން ހޯދަން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ވީހާ ވެސް ބޮޑަށް ބޯލެނބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އާ ކައުންސިލަރުން އޮފީހަށް ނުކުމެވަޑައިގެން މިހާތަނަށް ކުރެއްވި މަސައްކަތުގެ ތެރޭގައި ވެސް ކޮވިޑާ ގުޅުން ހުރި ގިނަ ކަންކަމާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުލުހުންނާއި ސިފައިންނާއި ރެޑް ކްރޮސް ހިމެނެ އެވެ.

މަގާމުގެ ހުވާ އިއްޔެ ކުރެއްވި ނިޒާރު ވިދާޅުވިގޮތުގައި އެ ސިޓީގައި މިހާރު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ 118 މީހަކު ތިބުމަކީ ވަރަށް ސީރިއަސް ކަމެކެވެ. އެހެންވެ، އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުން ލުއިކޮށް ނުނެގުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކާފިއު އިއުލާން ކޮށްފައިވާ ގަޑިތައް ފިޔަވައި އެހެން ވަގުތުތަކުގައި ވެސް ރަށު ތެރޭގައި ނޫޅުމަށާއި ފިނިބުރު ޖެހުމާއި ސައި/ކޮފީ ބޯން ނުދިއުމާއި ކުރިއެކޭ އެއްގޮތަށް އާންމު އުސޫލުން ވިޔަފާރު ކުރަން ނުދިއުމަށް ނިޒާރު އެދިވަޑައިގަތެވެ. މި މަހުގެ 1 އިން ފެށިގެން އައްޑޫ މޮނިޓަރިންގައި އޮތް އިރު ކާފިއު ހިންގަނީ ހަވީރު 6:00 އިން ފަތިހު 4:00 އަށެވެ. އޭގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް އައްޑޫގައި ވަނީ އަޅައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާރު ފާހަގަ ކުރެއްވި އެންމެ ބޮޑު ކަމަކީ އައްޑޫ ކޮވިޑުން ސަލަމާތް ވަނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ، އަދި ބަލި ކޮންޓްރޯލްކުރަން މާލެ އާއި އައްޑުއާ ދެމެދު ދަތުރުކުރާ ބޯޓްފަހަރުތައް ބަނދަރުކުުރުމުގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީބަލި ކޮންޓްރޯލް ނުވެ އަތުން ދޫވެއްޖެ ނަމަ އައްޑޫގެ ހާލަތު ބޮއްސުންލައި، ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމާއި އެކަމަށް ބޭނުންވާ ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވާނެ ކަމަށެވެ.