ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރޭލުގެ ދިފާއީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ޒަހަމްވާ މީހުންނަށް ފަރުވާދޭ ފަލަސްތީނުގެ ގާޒާގައި ހުންނަ އަލް ޝިޕާ ހޮސްޕިޓަލަށް ދިވެހިންގެ އެހީގައި ކަރަންޓު ފޯރުކޮށްދީފި އެވެ.

އަލް ޝިޕާ ހޮސްޕިޓަލަށް އަމާޒުކޮށްގެން އިޒްރޭލުން ދިން ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް ވަނީ މުޅިންހެން ހުއްޓިފަ އެވެ.

އިޒްރޭލުން އަލް ޝިޕާ ހޮސްޕިޓަލަށް ހަމަލާދިނީ ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް ޖަމާއަތުގެ މީހުންނަށް ފަރުވާދޭ ކަމަށް ބުނެ އެވެ. އެކަމަކު އެއީ އާއްމުން ވެސް ފަރުވާ ހޯދަންދާ ހޮސްޕިޓަލެކެވެ. ވަކިން ހާއްސަކޮށް އިޒްރޭލުގެ ހަމަލާގެ ސަބަބުން ޒަހަމްވާ މީހުން ފަރުވާ ހޯދަން ދެ އެވެ.

އަލް ޝިފާ ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާދިންއިރު ވެސް އެ ހޮސްޕިޓަލުން ގިނަ ބަޔަކު ދިޔައީ ފަރުވާ ހޯދަމުންނެވެ.

އިޒްރޭލުގެ ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލަށް ކަރަންޓުގެ ދަތިކަން ކުރިމަތިވެފައި ވަނިކޮށް ރާއްޖޭގެ ހިއުމަނެޓޭރިއަން ގްރޫޕް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ވަނީ އެ ހޮސްޕިޓަލަށް މިއަދު 2،547 ލީޓަރުގެ ތެޔޮ ހަދިޔާކޮށް ހޮސްޕިޓަލަށް ދީމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައިދީފަ އެވެ

އައިއޭސީއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ، އެ ފުރުސަތުގައި ލިބުނު އެހީގެ ސަބަބުން ފަލަސްތީނުގެ 11،000 މީހުންނަށް އޭގެ ފައިދާ ވަނީ ފޯރުކޮށްދެވިފަ އެވެ.

މާލޭގައި މިއަދު ވެސް ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަށް ކުށްވެރިކޮށް ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައި ދިނުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.