ކޯވިޑް ބަލީގައި މިއަދު އިތުރު ހަ މީހުން މަރުވެ. މިމަހު އެކަނި 38 މީހަކު މަރުވެއްޖެ އެވެ.
އެ ހަ މީހުން މަރުވިއިރު މި ބަލީގައި ޖުމްލަ އަދަދު ވަނީ 111 އަށް އަރައިފަ އެވެ.
ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ މަރުވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 87 އަހަރުގެ ފިރިހެނެކެވެ. ގަމު މަތި މަރަދޫ އަވަށަށް ނިސްބަތްވާ މި މީހާ މަރުވީ ރޭ ދަންވަރު 1:54 ގަ އެވެ. ދެވަނައަށް މަރުވީ ވެސް އެތަނުގައި ފަރުވާ ހޯދި 69 އަހަރުގެ އަންހެނެކެވެ. އެއީ އެ އަތޮޅު މާވަށަށް ނިސްބަތްވާ މީހެކެވެ. އެ މީހާ މަރުވީ ފަތިހު 3:01 ގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި ދެމީހުންނަށް ފަރުވާދެމުން ގެންދިޔައީ އެތަނުގެ އައިސީޔޫގަ އެވެ. އެ ދެ މީހުންގެ ވެސް ހާލު ބޮޑުވެ، އައިސީޔޫގައި ފަރުވާދޭން ފެށީ އިއްޔެ ކަމަށް ގަމު ހޮސްޕިޓަލުން ބުންޏެވެ. މިއީ ކޮވިޑް ޖެހިގެން ލ. އަތޮޅުން ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.
މި ބަލީގައި މިއަދު ތިންވަނަ އަށް މަރުވީ 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭ އިން ބުނީ އެއީ ހާލު ދެރަވެގެން އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ. އެ މީހާ މަރުވީ ހެނދުނު 7:25 ގަ އެވެ.
މީގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި 51 އަހަރުގެ އިންޑިއާ މީހެއް ވެސް މިއަދު ވަނީ މަރުވެފަ އެވެ. މި މީހާ ނިޔާވެފައިވަނީ ހެނދުނު 8:44 ގަ އެވެ. މި ބަލީގައި މިއަދު މަރުވި ފަސް ވަނަ މީހާއަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 63 އަހަރުގެ އަންހެނެކެވެ. އެ މީހާ މަރުވީ ހެނދުނު 8:30 ގައިކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
އެ މީހާ މަރުވިތާ ގަޑިއިރެއްގެ ތެރޭގައި އިތުރު މީހަކު މަރުވެ، މިބަލީގައި މިއަދުގެ މިހާތަނަށް ވަނީ ހަ މީހަކު މަރުވެފަ އެވެ. ހަވަނައަށް މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 66 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ހެނދުނު 9:48 ގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި ބަލީގައި އިއްޔެ ވެސް ހަތަރު މީހަކު މަރުވި އެވެ. ރާއްޖޭގައި މިބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެ، މިއަދު މަރުވި މީހުންނާއެކު މިމަހުގެ މިހާތަނަށް 38 މީހަކު މިބަލީގައި ވަނީ މަރުވެފަ އެވެ. މިހާތަނަށް މިބަލީގައި މަރުވި މީހުންގެ ތެރެއިން 97 މީހުންނަކީ ދިވެހިންނެވެ. އަދި 14 މީހުންނަކީ ބިދޭސީންނެވެ.