ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކި ކުރަން މިއަދު ތާވަލުކުރި މައްސަލަ ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވި، އެ ބައްދަލުވުން ނުބާއްވަން ނިންމައިފި އެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ. އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ.

މަޖިލީހުގެ ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ އީސަގެ މައްސަލައަކީ ހައިޕްރޮފައިލް މައްސަލައަކަށްވާތީ ހާއްސަ ސަމާލުކަމެއް ދީގެން އެކަން ބެލުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަންގަވާފައިވާ ކަމަށެވެ. އެގޮތުން އީސާއާ ދެކޮޅަށް ކަމާބެހޭ ފަރާތަކަށް މައްސަލައެއް ހުށަހަޅާފައިވޭތޯ ބަލަމުންދާކަމަށް ޖީހާން ވިދާޅުވި އެވެ.

ނަމަވެސް އިޖުތިމާއީ ކޮމިޓީގެ ތިން މެމްބަރުންގެ ސޮއި އާއެކު މުގައްރިރުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ސޮއި ކުރައްވާފައިވަނީ ޖީހާންގެ އިތުރުން ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ. އެކަމާ ފިރުޝާން ވިދާޅުވީ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވަނީ މެމްބަރުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ބާވަތަކީ މަޖިލީހަށާއި ކޮމިޓީއަށް ބަލައިގަނެވޭނެ ފަދަ ތުހުމަތަކަށް ނުވާތީ ކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ އެ މައްސަލާގައި ބަހުސްނުކޮށް އޮތީ ގޮތެއް ނިންމުން ކަމަށް އޭނާ އިއުލާނުކުރެއްވި އެވެ.

އައަށްފަހު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ގިނަ އިރުތަކަކަށް ބައްދަލުވުން މެދުކަނޑާލަން ޖެހުނެވެ. އަލުން ބައްދަލުވުން ފެށުމާއެކު ރިޔާސަތުގައި އިންނެވި ފިރުޝާން ވިދާޅުވީ އެ ވޯޓު ކުރިއަށް ގެންދަން ބޭނުންވާ ވަރަށް ބައްދަލުވުމުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ބައްދަލުވުން ނުބޭއްވޭނެ ކަމަށެވެ.

ގެވެށި އަނިޔާ ފަދަ މައްސަލަތަށް ކުރިއަށް ގެންދިޔުމަށް މުގައްރިރު ނުހިމަނައި މަދުވެގެން ފަސް މެމްބަރުން ތިބެން ޖެހެ އެވެ. އީސާ މަގާމުން ވަކިކުރުމާ ގުޅޭ ބައްދަލުވުމަށް ހާޒިރުވެފައި ވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ފަރެސްމާތޮޑަ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު، އަދިމަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ. އެހެން މެމްބަރުން ހާޒިރުކުަން ފިރުޝާން މަސައްކަތް ކުރިޔަސް އެކަން ކާމިޔާބެއްނުވި އެވެ.

އެ ބައްދަލުވުމަށް ހާޒިރުނުވާ މެމްބަރުންނަކީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުގެ އިތުރުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އީސަ ވަކި ކުރުމުގެ މައްސަލަ މިއަދު ކުރިއަށް ގެންދެވިފައިނުވާއިރު، ގެވެށި އަނިޔާގެ މައްސަލަތައް ބަލާ ފުލުހުންގެ ޑިޕާޓްމަންޓަށް ހާޒިރުވެ އަސްރާ އިއްޔެގެ ވަގުތެއްގައި ބަޔާނެއް ވަނީ ދެއްވާފަ އެވެ.

އީސަ ހައްޔަރުކުރަން ކޯޓު އަމުރު ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.