އެއްވެސް ކޮޅަކުން ހަމްދަރުދީ ނުލިބުމުން ގެވެށި އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އޭނާ މަގުއްރިރުކަން ކުރައްވާ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން އިސްތިއުފާ ދެއްވައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސޫއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައި ވެއެވެ. ލިބިފައިވާ އަނިޔާތަކަށް ބަލާއިރު އަސްރާގެ ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

އަސްރާގެ ތުހުމަތުތަކާ ގުޅިގެން އީސަ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކިކުރަން މަސައްކަތް ފަށާފައިވަނިކޮށް އީސަ މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުގައްރިރުކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ. އަދި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގު ކުރެވެމުންދާތީ ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމުގެ ގޮތުން މަޖިލީހުގެ އިޖްތިމާއީ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އީސަ ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމަށެވެ. އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި އޭނާ ހައްޔަރުކުރުމަށް ބޭނުންވާ ކޯޓު އަމުރު ހޯދުމަށް ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހުށައަޅާފަ އެވެ.

މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނަރަލަށް ފެނިއްޖެނަމަ އޭނާ ކަމަށެވެ.

އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެންބަރަކު ހައްޔަރުކޮށްފިނަމަ ހައްޔަރުކުރި ފަރާތުން ލަސްނުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އަންގަންވާނެ ކަމަށެވެ.