ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ގިނަވެ، މާލޭގައި ހަމައެކަނި ހައިރިސްކު މީހުން ޓްރޭސްކުރާ ގޮތަށް ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިން ޓީމުގެ މެމްބަރު އާމިނަތު އަރޫޝާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސް ކުރާ އުސޫލަށް ބަދަލު ގެނައީ ހައި ރިސްކް މީހުން އަވަހަށް ދެނެގަނެ، އެމީހުންނަށް އަވަހަށް ފަރުވާ ދިނުމުގެ ކަންތައް ކުރިއަށްގެންދިޔުން މަގުފަހިކުރުމަށް ކަމަށެވެ.

ހައި ރިސްކް މީހުންގެ ގޮތުގައި ބަލާނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނާއި، އެއް އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަދި ނޭވާލުމުގައި ދަތިތައް އުޅޭ މީހުންނެވެ.

އޮބި ނޯންނަ ވަރަށް ކޮންޓެކްޓުން ގިނަވެފައިވާތީ ޕޮޒިޓިވްވާ މީހުންގެ ހުރިހާ ކޮންޓެކްޓުން ދެނެގަތުމަށް ވަރަށް ގިނަ ވަގުތު ނަގަ އެވެ. އެކަމުގެ ސަބަބުން ހައި ރިސްކް މީހުން ދެނެގަނެ އެމީހުންނަށް ހިދުމަތްތައް ފޯރުކޮދިނުމުގައި ލަސްވާ ކަމަށް ވެސް އަރޫޝާ ވިދާޅުވި އެވެ.

ދެހަފްތާ ވެގެން ދިޔައިރުވެސް ކޮވިޑް ސާމްޕަލްތަކުގެ ބެކްލޮގް ކްލިއާ ކުރެވިފައެއް ނުވެ އެވެ. ބެކްލޮގާ އެކު މިއަދު 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ސާމްޕަލްތަކުން ޕޮޒިޓިވްވީ 691 މީހުންނެވެ.