ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެންދިން ހަމަލާގައި އެމަަނިކުފާނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދެވި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލުން ދޫކޮށްލައފި އެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ފުރަތަމަ ރައީސް ނަޝީދު ފަރުވާ ހޯދެއްވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އޭޑީކޭ ހޮސްޕިޓަލުން އޭރު ބުނެފައިވަނީ ރައީސް ނަޝީދުގެ ފުރާނަ އަށް ނުރައްކާވާފަދަ އަނިޔާތަކެއް ލިބިފަައިވާ ކަމަށާއި 16 ގަޑިއިރުގެ 4 އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ.

ނަޝީދު ލިބިވަޑައިގެންނެވިއިރު އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަނަަށް ވަޑައިގެންނެވީ އިތުރު ފަރުވާ ހޯއްދެވުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލުން ނަޝީދު ދޫކޮށްލެއްވީ މިއަދުގެ ވަގުތެއްގަ އެވެ.

ނަޝީދު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ވަކި ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެ ހަމަލާއާއި ގުޅިގެން ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުންނާއި ސިފައިން ގުޅިގެން ހަަރުކަށި ފިކުރުގެ މީހުން ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.