ދުވަސްވީ ސާމްޕަލްތަކާ އެކު މިއަދު ވެސް 1،603 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 1،025 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 571 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ހަތް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދު އިއުލާން ކުރި ނަތީޖާ އަކީ ކިތައް ދުވަހުގެ ސާމްޕަލްތަކުން ލިބުނު ނަތީޖާ ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 52،405 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 21،079 ގައި މިހާރު ހުރިއިރު 31،191 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 286 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 120 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.