ފަލަސްތީނުގެ އެ ޒުވާނާއަކީ ވެސް އެހެން މީހުންނެކޭ އެއްފަދައިން ފޮނި ހުވަފެންތަކެއް ދުށް ޒުވާނެކެވެ. ޒަވާޖީ ހަޔާތެއް ފަށައި އުފާވެރި ދިރިއުޅުމެއް އުޅުމަކީ އެ ޒުވާނާގެ ވެސް އުއްމީދެކެވެ. ނަމަވެސް އިސްތިއުމާރީ ޒައަނިސްޓުންގެ އަނިޔާވެރިކަމުގައި އޭނާގެ ހުވަފެންތައް ވަނީ ބިމާ ހަމަވި އިމާރާތްތަކުގެ ދަށުވެ ވަޅުލެވިފަ އެވެ.

މެއި މަހުގެ 10 ވަނަ ދުވަހު އިޒްރޭލުގެ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ރޮކެޓް ހަމަލާތައް ދޭން ފެށިއިރު އެ ޒުވާނާ އައީ އޭނާގެ އަލަތު ކައިވެންޏަށް ތައްޔާރު ވަމުންނެވެ. ކައިވެންޏަށް ކުރަންޖެހޭ އިންތިޒާމްތައްކޮށް އުޅޭނެ އެޕާޓްމަންޓްގެ މަސައްކަތް ކުރާތާ ދެމަސް ވެދާނެ އެވެ. ކައިވެނީގެ ހަފްލާ ހަމަޖެހިފައި އޮތީ ފިތުރު އީދަށް ފަހުގަ އެވެ.

ބަދުނަސީބު ރޭ އެ ޒުވާނާ އޭނާ ފާއިތުވި ދެ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބައިވެރިޔާ ޝައިމާއަށް މެސެޖް ކުރި އެވެ. މެދުކެނޑުމެއް ނެތި ދެވެމުންދިޔަ ހަމަލާތަކުގެ ތެރެއިން ބައިވެރިޔާގެ ރައްކާތެރިކަން ޔަގީން ކުރަން އޭނާ ބޭނުންވި އެވެ. ނަމަވެސް ޖަވާބުގައި އެއްވެސް ހަބަރެއް އޭނާއަކަށް ނުލިބުނެވެ.

ޖެހިގެން އައި ދުވަހުގެ އިރު އަރައިގެން އައީ އެ ޒުވާނާއަށް ފުން ހިތާމައަކާ އެކުގަ އެވެ. ޔަހޫދީންގެ ހަމަލާއެއްގައި އޭނާގެ ބައިވެރިޔާ ޝަހީދުވީ އެވެ. އަބަދުގެ އަބަދަށް އޭނާ އާ ވަކިވީ އެވެ. ދެކެމުން އައި ހުވަފެންތައް ހިނދުކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިވެގެން ދިޔައީ އެވެ.

https://fb.watch/5DAihmM-wz/

އެ ވާހަކަތައް ކިޔައިދެމުން ދިޔައިރު އެޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ސާބިތު ކަމެވެ. ހެއްދެވި ފަރާތަށް ހަމްދު ކުރަމުން އޭނާ ބުނީ ޝައިމާއަކީ ޝަހީދެއް ކަމަށާއި ޖަންނަތުން ޝައިމާއާ އެންމެ ފުރަތަމަ ބައްދަލުވާން އެދޭ ކަމަށެވެ.