ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު މުސްކުޅިފުރައިގެ މީހަކު ރައީސް ސޯލިހުގެ އަތްޕުޅުގައި ހިފާފައި ބުނި ކަމަށް ވޭ ވެރިކަން ލިބިއްޖެ ނަމަ މިހާރު ސަރުކާރުގައި ތިބި މީހުންނަށް އަދަބު ނުދީ ދޫކޮށް ނުލައްޗޭ. ޖަވާބުގައި ސޯލިހު ވިދާޅުވި ކަމަށް ވަނީ ކަމާ ބެހޭ ފަރާތްތަކުން އެކަން ކުރާނޭ.

"ދިވެހި ރާއްޖެއަކީ "ފެއިލްޑް ސްޓޭޓެއް." ރަނގަޅަށް މަސައްކަތް ކުރާ އެއްވެސް މުއައްސަސާއެއް އިދާރާއެއް ނެތް،" ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާއަށް ފާޑު ވިދާޅުވަމުން ކުރެއްވި ޓުވީޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ.

ރާއްޖެއަކީ "ފެއިލްޑް ސްޓޭޓެއް" ކަމަށް އޭނާ ވިދާޅުވި ވިދާޅުވުން އިތުރަށް ތަފްސީލު ކޮށް ދެއްވަމުން ޝަހީދުގެ ޓުވީޓުގައި ލިޔުއްވާފައިވާ ގޮތުގައި ރާއްޖޭގައި އޭޑީކޭ ހޮސްޕިޓަލުގެ ފެންވަރަށް މަސައްކަތް ކޮށްލެވޭ ވުޒާރާއެއް ވެސް އިދާރާއެއް ވެސް މަރުކަޒެއް ނުވަތަ މަދަރުސާއެއް ވެސް ނެތެވެ.

ސަރުކާރެއް ހިންގުމުގެ މައި އިދާރާތައް ހިމެނޭ ގޮތަށް ހުރިހާ އިދާރާތަކެއްގެ ހަރަކާތް ހުއްޓިފައިވާކަމަށް ޝަހީދު އެ އިޝާރާތް ކުރެއްވީ ރައީސް ނަޝީދަށް ދައުލަތުން ދޭން ޖެހޭ ހިމާޔަތް ދިނުމުގައި ސަރުކާރު ފެއިލްވި ކަމަށް ދެކެވަޑައި ގަންނަވާތީ އެވެ. އޭނާގެ އިބާރާތުން ނަމަ "އެންމެ ބޮޑަށް ހިމާޔަތް ދޭންޖެހޭ މީހާއަށް ރައްކާތެރިކަން ނެތީ އެހެންވެ" އެވެ.

އދ. ގެ ދީނީ މިނިވަންކަމާ ބެހޭ ހާއްސަ މުޝީރު ޑރ. ޝަހީދު ދިވެހި ސަރުކާރަށް ނިސްބަތް ކުރައްވައި މިމޭރުމުން ވާހަކަ ދެއްކެވި އިރު ސަރުކާރުގެ ފަސްއަހަރުގެ ދައުރު މިވަނީ ދެބައިވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަރުދަނާ އެއްވެސް ކަމެއް ކުރާ ތަނެއް ނުފެންނަ ކަމަށް ޚުދު ސަރުކާރު ނިސްބަތްވާ ޕާޓީން ވެސް ވަނީ އަޑު އުފުލަން ފަށާފަ އެވެ.

މި ސަރުކާރަކީ އެންމެ ދެ ޕާޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން ގެނައި ސަރުކާރެކެވެ.

މިސަރުކާރު ވެރިކަމަށް އަންނަން ކުރި ކެމްޕޭނުގައި އެންމެ ބޮޑަށް އަޑު އުފުލީ ރާއްޖޭގައި އޭރު އޮތް ކަމަށް އެ މީހުން ވަކާލާތު ކުރަމުން ގެންދިޔަ އަނިޔާވެރިކަން ނިންމާލުމަށެވެ. އެ ދުވަސްވަރު ކެމްޕޭނުގައި މުސްކުޅިފުރައިގެ މީހަކު ރައީސް ސޯލިހުގެ އަތްޕުޅުގައި ހިފާފައި ބުނި ކަމަށް ވެ އެވެ. ވެރިކަން ލިބިއްޖެ ނަމަ މިހާރު ސަރުކާރުގައި ތިބި މީހުންނަށް އަދަބު ނުދީ ދޫކޮށް ނުލާށެވެ. ޖަވާބުގައި ސޯލިހު ވިދާޅުވި ކަމަށް ވަނީ ކަމާ ބެހޭ ފަރާތްތަކުން އެކަން ކުރާނެ އެވެ.

އެ މަނިކުފާނު އެ ވިދާޅުވި "ކަމާ ބެހޭ ފަރާތްތަކު އެކަން ކުރާނެ" ސިޔާސަތަކީ މިސަރުކާރު ފެށިގެން ނިމެންދާއިރު ވެސް ކަންތައް އޮތް ގޮތެވެ.

ރާއްޖޭގައި ކޮވިޑުގެ ބަލިމަޑުކަން ފެތުރިގެން އައީ މިސަރުކާރުގެ ކުރީ ކޮޅުގަ އެވެ. އެއާ އެކު ރައީސް ވިދާޅުވީ ކޮވިޑުގެ ކަންތަކުގައި ގޮތް ނިންމަވާނީ ސިއްހީ މާހިރުން ކަމަށެވެ. ރައީސް އެކަމަކާ ބެހިވަޑައެއް ނުގަންނަވާނެ އެވެ.

ކޮވިޑުގެ ކަންތައް ސިއްހީ އިދާރާއިން ވަރަށް ރަނގަޅަށް ކުރިޔަށް ގެންދިޔަ އެވެ. ރައީސް ހުންނެވީ އެވެ. އެ އިދާރާގެ ތެރޭގައި ހުރި މައްސަލަ ތަކެއް ބަޔަކަށް ފެނިގެން މިނިސްޓަރު އަބްދުﷲ އަމީން ގެންގޮސް "ރޮލާ ކައިލި" އިރު ވެސް ރައީސަކަށް އެކަމަކާ ބެހިވަޑައެއް ނުގަންނަވަ އެވެ. ކަމާ ބެހޭ ފަރާތްތަކުން އެކަން ކުރާނެތާ އެވެ. އެންމެ ފަހުން މިނިސަޓަރަށް ކެތްނުވެގެން މަގާމުން އިސްތިއުފާ ދެއްވި އެވެ. ރައީސްގެ ވާޖިބަކަށްވީ އާ މިނިސްޓަރެއް އައްޔަން ކުރުމެވެ. އިތުރު ކަމެއް ނުކުރެ އެވެ. ކަމާ ބެހޭ ފަރާއްތަކުން ކުރާކަމެއް ކުރަންޖެހޭ ކަންތައް ކުރާނެ ކަމުގައި ބަލަމާ ހިނގާށެވެ.

މިސަރުކާރު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ގޮތް ނޭނގޭ ގޮތަށް މަރުވެފައި ނުވަތަ މަރާލެވިފައި ނުވަތަ ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ބަލާނެ ކޮމިޝަނެއް އުފެއްދުމެވެ. ކޮމިޝަނުގެ މަސައްކަތް އެތައް ދުވަހަކަށް ދިގުލައިގެން ދިޔަ އެވެ. އެކަށީގެންވާ އެއްވެސް ކަމެއް ނުކުރެވި ވަނިކޮށް ކުއްލިއަކަށް ފެނުނީ ރައީސް އުފެއްދެވި ކޮމިޝަނުން ނިންމި ނިންމުންތަކުގެ ރިޕޯޓު ރައީސަށް ވެސް އެނގިވަޑައި ނުގެން ކަމާ ގުޅުމެއް ނެތް މުއައްސަސާ އަކަށް ފޮނުވި ތަނެވެ. ތަހުގީގު ނުނިމި ހުރި މައްސަލައިގެ ޑޮކިއުމަންޓްތައް އާންމުވެ ތަހުގީގަށް ހުރަސް އެޅޭ ހިސާބަށް ކަންތައް ދިޔަ އެވެ. ރައީސަށް ކުރެވުނު ކަމެއް ނެތެވެ. ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންތައް ކުރަން ޖެހޭނެ ކަމަށް ރައީސް ދެކެވަޑައިގަންނަވާ ޕޮލިސީ ދިޔައީ ކުރިޔަށެވެ.

މަރު ކޮމިޝަނާއެކު ރައީސް އުފެއްދެވި އަނެއް ކޮމިޝަނަކީ ސަރުކާރުން ވަގަށް ނަގައިފައިވާ ފައިސާތައް އަނބުރާ ހޯދުމުގެ ބޭނުމުގައި އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނެވެ. މަރު ކޮމިޝަނެކޭ އެއްފަދައިން އެ ކޮމިޝަނަށް ވެސް މިހާތަނަށް ކުރެވުނުހާ ވެސް ކަމަކީ ދައުލަތުގެ ފައިސާ އަށް ޚިޔާނަތްވި ކަމަށް އަމިއްލައަށް އެއްބަސްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފައިސާ ދިންކަމަށް ބުނާ މީހުންގެ ލިސްޓެއް އެކުލަވާލުމެވެ.

ކޮމިޝަނަށް ތިން އަހަރު ފުރެން ކައިރިވެފައި އޮއްވާ ދެން ފެނުނީ މިދެންނެވި ލިސްޓު ވެސް ރައްޔިތުންގެ މަޖިލީހަށް ގެންގޮސް އާންމު ކުރިތަނެވެ. ކަމާބެހޭ ފަރާތްތަކުން ކުރާނެކަމެއް ކުރާތަން ބައްލަވަން ރައީސް ހުންނަވަނިކޮށް އެ ލިސްޓުގައި ނަން ހިމެނުނު ފަރާތްތަކާ މެދު މަޖިލީހުގައި ތަހުގީގު ކޮށް އަޅަންވާ ފިޔަވަޅުތައް ވެސް އެދަނީ އަޅަމުންނެވެ.

ސަރުކާރުގެ ލީޑަޝިޕެއް ނެތުމުގެ ސަބަބުން މުއައްސަސާތަކުގެ ހިންގުން ބަލިކަށިވެ، ސަރުކާރުގެ ހިންގުމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެ ކަންތައް އޮޅުންބޮޅުން އަރާފައި އޮތް ދަނޑިވަޅެއްގައި ކުއްލިއަކަށް ފެނުނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ބޮމެއް ގޮއްވާލި ތަނެވެ.

މިހަމަލާއާ އެކު ސަރުކާރު ފެއިލް ވެފައިވާކަމުގެ ތުހުމަތު އެތައް ބަޔަކު ކުރަން ފެށި އެވެ. އޭގެ ތެރޭގައި ނަޝީދުގެ އެންމެ އަރިސް ބޭފުޅުންނާއި އެ މަނިކުފާނުގެ ޕާޓީ ކަމަށްވާ އެމްޑީޕީގެ ވަފާތެރި ބައެއް މެންބަރުން ވެސް ހިމެނެ އެވެ. ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ޑރ. ޝަހީދުގެ ވާހަކައަކީ އޭގެ ތެރެއިން ގުގުމައިގެން އައި ވާހަކައެކެވެ. ސުވާލަކީ ޑރ. ޝަހީދު އެ ވިދާޅުވާހެން މިހާރު "ދިވެހި ސަރުކާރަކީ ފެއިލްޑް ސްޓޭޓެއް" ހެއްޔެވެ؟