ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި، ރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އުވާލެއްވީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމުގެ ތުހުމަތާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ އޭސީސީ އަށް ހުށަހެޅީ ރޭގައި ވަގުތެއްގައި ކަމަށް އެ ކޮމިޝަނުން ކަށަވަރުކޮށްދެ އެވެ.

ރާއްޖޭގައި ހިންގާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ޖުލައި 16 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ރާއްޖޭގެ ޝިޕިން ހިދުމަތް ދިނުމާ ބެހޭ ގަވައިދު ސެޕްޓެމްބަރު 16 ވަނަ ދުވަހު ވަނީ އުވާލައިފަ އެވެ.

ޝިޕިން އޭޖެންސީތަކުން ގިނަ ބަޔަކު ސޮއިކޮށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގަވައިދަށް އަމަލު ކުރަމުން ދިޔަ އިރު ވެސް ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާނެ ކަމަށް އޭގައިވެ އެވެ.

ގަވައިދު ހިންގާނީ ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާ މިނިސްޓްރީން ކަން ގަވައިދުން އެނގެން އޮންނަ ކަމަށް އެ މައްސަލައިގައިވެ އެވެ.

އެކަމަކު، ގަވައިދު އުވާލައި ޝިޕިން އެޖެންސީތަކަށް އަލުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް މިނިސްޓަރު އިންޓާނަލް މެމޯއަކުން ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ. އަދި ގަވައިދު ތަންފީޒު ނުކުރެވޭތީ ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން ބޯޑުން މިނިސްޓްރީ އަށް އެކަން ތަކުރާރުކޮށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭގައިވެ އެވެ.

"މަތީގައި ބަޔާންކޮށްފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީން ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމާއި އަދި އެ ގާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމާއި އެއީ އެއްވެސް ހާލަތެއްގައި ބޯޑުން ފާސްކުރުމެއް ނެތި އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެއްވޭނެ ކަމެއް ނޫނެވެ،" 70 މީހަކު ސޮއިކޮށް އޭސީސީ އަށް ފޮނުވި މައްސަލައިގައިވެ އެވެ.

އެ މައްސަލައިގައި ފާހަގަ ކުރި ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކަނޑައަޅަން ޖެހޭ އުސޫލުތައް ކަނޑައެޅުމާއި އެ އޮތޯރިޓީ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި އަދި ގަވައިދު ހެދުމަކީ އެ ގާނޫނުގެ ދަށުން އައްޔަން ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

އެހެންވެ، ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގެ ބަހެއް ނެތި ގަވައިދު އުވާލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދުމަށް ކަމަށް ދެކޭތީ މި މައްސަލަ ބަލައި ދިނުމަށް އެދިފައިވެ އެވެ.