ހަޔާތުގެ ކޮންމެވެސް ހިސާބަކުން މާލީ ތަނަވަސްކަން ލިބި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އަހަރުމެން ކޮންމެ މީހަކުވެސް ދެކޭ ހުވަފެނެކެވެ. ނަމަވެސް އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސަން ގަދައަޅައި މަސައްކަތްކުރުމަކީ މަދު މީހަކަށް ނޫނީ ކުރެވޭ ކަމެއް ނޫނެވެ.

މިއީ އުމުރުން 30 އަހަރުގައި މިލިއަނަރަކަށް ވި ޒުވާނެއްގެ ވާހަކަ އެވެ. އާދައިގެ އޮފީސް ވަޒީފާއަކުން މިލިއަނަރަކަށްވުމަށް އޭނާ ކުރި ދަތުރުގެ ވާހަކަ އެވެ.

ޝެރޯން ސޫންގް ގެ ދަތުރު ފެށުނީ 2012 ވަނަ އަހަރު އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ އިން ބެޗެލާސް ޑިގްރީ އަކާއެކު ގްރެޖުއޭޓްވި ހިސާބުންނެވެ. އެންމެ ފުރަތަމަ އޮފީސް ވަޒީފާއަކަށް 21 އަހަރުގެ ހަގު އުމުރުގައި އޭނާ އަދާކުރީ އަހަރަކު 30،000 ޑޮލަރު ލިބުނު މާކެޓިން ދާއިރާގެ ވަޒީފާ އެކެވެ.

"ވަޒީފާގަ އުޅެލުމުން އެނގުނު ގިނަ ބަޔަކު އުމުރުން ދުވަސްވެ ގައިބާރު ދަންދެން އުޅެނީ މިގޮތުގައި ކަން،" ސޫންގް ބުންޏެވެ.

އެ ވަޒީފާގައި އުޅެމުން އޭނާ ޔޫރަޕްގެ ގައުމުތަކަށް ކުރި ޗުއްޓީ ދަތުރަކީ އޭނާގެ ހަޔާތް ބަދަލު ކޮށްލި ދަތުރެކެވެ. އެގޮތުން އެ ދަތުރުގައި އިތުރު އާމްދަނީ ހޯދާނެ ގޮތްތަކާ މެދު އޭނާ ވިސްނާ ފިކުރު ކުރި އެވެ. އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި އޭނާގެ ވަގުތު އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރަން ސޫންގް އަޒުމު ކަނޑައެޅި އެވެ. އުމުރުގެ ބޮޑު ބައެއް އެއް ކަހަލަ ވަޒީފާއެއްގައި އެއްކަމެއް ކުރުމުގައި ހޭދަ ކުރަން އޭނާ ދެކޮޅު ހެދި އެވެ.

އެ ދަތުރުން އެނބުރި އައުމާއެކު އާމްދާނީ އިތުރުކުރަން އޭނާގެ މަސައްކަތް ފެށި އެވެ. އަދާކުރަމުން ދިޔަ ވަޒީފާގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނެސް ފައިސާ ރައްކާ ކުރުމަށް އިސްކަން ދޭން ފެށި އެވެ.

އެގޮތުން ރެސްޓޯރެންޓްތަކުން ކެއުމާއި ބޭނުންނެތް ހެދުން ފަދަ ތަކެތި ގަތުމުން އޭނާ ދުރުވި އެވެ. އެކުގައި އުޅުނު ރައްޓެހިން އުޅުނު އަމިއްލަ އެޕާޓްމަންޓް އެއްގައި އުޅުމުގެ ބަދަލުގައި އޭނާ އިޚްތިޔާރު ކުރީ މައިންބަފައިންނާއެކު އުޅުމަށެވެ. އާ އަގުބޮޑު ކާރެއް ގެންގުޅުމުގެ ބަދަލުގައި ސޫންގް ބޭނުން ކުރީ ކުރިން ބޭނުންކޮށްފައިވާ ސެކަންޑް ހޭންޑް ކާރެކެވެ.

https://youtu.be/5hFV_GybdY8

މީގެ އިތުރުން ލިބޭ މަދު އާމްދަނީ ރަނގަޅު ގޮތުގައި އިންވެސްޓް ކުރުމަށް ސޫންގް މަސައްކަތް ކުރި އެވެ. ރިޓައާމަންޓް ފަންޑާއި ދިގު މުއްދަތަކަށް ފައިދާ ވާނެހެން ކުންފުނިތަކުގެ ހިއްސާ ގަތުމަށް އޭނާގެ އާމްދަނީ ހޭދަކުރި އެވެ. އެއާއެކު ހުނަރުވެރިކަން ހޯދައި އިތުރު ތަމްރީން ހާސިލްކުރުމަށް ތަފާތު ކޯސްތަކުގައި ބައިވެރިވި އެވެ. އަދި ހަމަ އެހެންމެ ލިބޭ ހުސް ވަގުތުގައި އިތުރު އާމްދަނީ ހޯދަން މަޝްހޫރު ވިޔަފާރި ވެބްސައިޓްގައި ވިޔަފާރިއެއް ފެށި އެވެ. މި ވިޔަފާރިން އެކަނި ވެސް 30،000 އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް ޝެރޯން ބުންޏެވެ.

ލިބޭ އާމްދަނީ ރަނގަޅަށް އިންވެސްޓް ކުރުމާއެކު އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެ ތަންތަނުގައި އާމްދަނީ ހޯދުމަށް ގެންގުޅޭ އުކުޅުތައް ހޯދައި ތަޖުރިބާ ކޮށްފަ އެވެ. 2016 ވަނަ އަހަރު ވަޒީފާއިން ވަކިވެ ޝެރޯން ވަނީ ދެ އަހަރުގެ މުއްދަތަކަށް ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ތަފާތު ގިނަ ތަޖުރިބާ ތަކެއް ހޯދާފަ އެވެ. އެ ތަޖުރިބާތައް ވެފައި ވަނީ އޭނާގެ ހަޔާތުގެ ދަތުރުގެ މުހިއްމު ހިއްސާއަކަށެވެ.

މިއަދު ޝެރޯން އަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ޒުވާނުންނަށް އާމްދަނީ ހޯދާނެ ގޮތްތައް އުނގަންނައިދޭ ޕްލެޓްފޯމެއް ކަމަށްވާ ދަ ޑިޖިޓަލް ނޯމާޑް ކުއެސްޓްގެ ބާނީ އެވެ. ތަފާތު އަށް ގޮތަކުން އާމްދަނީ ހޯދަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ. އާމްދަނީ ރަނގަޅު ގޮތުގައި ބަލަހައްޓަން ޒުވާނުން ހޭލުންތެރި ކުރުވުމަށް ޝެރޯން އަންނަނީ އޭނާގެ ބްލޮގް އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

https://www.youtube.com/watch?v=QVB_BobqKWM

ޝެރޯން ބުނި ގޮތުގައި މިހާ ހިސާބަށް އޭނާއަށް އާދެވުނީ ވަރަށް ގިނަ ހުރަސްތަކެއް ގިރާކޮށްގެންނެވެ. އެގޮތުން ޒުވާނުންނަށް އެކަށޭނަ ރަނގަޅު ތަމްރީނު ޕްރޮގުރާމް ތައް ނެތުމާއި ރިސޯސަސް ނުލިބުމަކީ ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމުގައި ޝެރޯން ބުނެ އެވެ.

ޝެރޯން ފަދަ ޒުވާނުންގެ ކިބައިން ދިވެހި ޒުވާނުން މިއަދު ހިތްވަރު ލިބިގަންނަން ޖެހެ އެވެ. އެ މަގުން ހިނގުމަށް ދިވެހި ޒުވާނުންވެސް އަޒުމު ކަނޑައަޅަން ޖެހެ އެވެ. ވަރުގަދަ އަޒުމަކާއެކު ކުރިއަށް ގޮސްފިނަމަ ކާމިޔާބަކީ މާ ދުރުގައިވާ އެއްޗެއް ނޫންކަން ޝެރޯން ގެ ހަޔާތުން އަހަރުމެންނަށް އެނގިގެންދެ އެވެ.