ދުވަސްވީ ސާމްޕަލްތަކާ އެކު މިއަދު ވެސް 1،559 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 1،135 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 401 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 20 މީހަކާއި ސަފާރީތަކުން ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދު 1،559 މީހުން ޕޮޒިޓިވްވެފައިވާއިރު، އިއްޔެ ޕޮޒިޓިވްވީ 1،960 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 55،924 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 23،464 ގައި މިހާރު ހުރިއިރު 32،322 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 290 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 129 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.