ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން ފިޔަވަޅު އަޅާފައިވަނީ ޖަވާބުދާރީވާން އެއްވެސް ފުރުސަތެއް ނުދީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

އީސައާ ދެކޮޅަށް ކުރާ ޖިނާއީ ތަހުގީގު ނިމެންދެން، އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އީސަ ވަނީ އެކަހެރިކޮށްފައެވެ. އެކަމާ އީސަ މިއަދު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އޭނާއާ ބެހޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރިއިރު ހިމޭނުން ހުރެފައި "ވަގުތު" ނޫހަށް ފޮނުވި މެސެޖެއްގައި އީސަ ވިދާޅުވީ، ޕާޓީން ފިޔަވަޅެއް އެޅިކަން އެނގިވަޑައިގަތީ ނޫސްތަކުން ކަމަށެވެ. ފިޔަވަޅު އަޅާފައިވަނީ އަސާސީ ގަވައިދުގެ ކޮން މާއްދާއާ ހަވާލާދީކަން އަންގާފައި ނުވާ ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 113 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޕާޓީގެ މެމްބަރަކަށް ފިޔަވަޅު އެޅޭނީ އަސާސީ ގަވައިދުގެ އެއްވެސް ޝަރުތަކާއި ގަސްތުގައި ހިލާފުވުން ނުވަތަ ގަވައިދުގެ ދަށުން ހިންގޭ އެއްވެސް ގަވައިދަކާ ގަސްތުގައި ހިލާފުވުމުންނެވެ. (ށ) ގައި ބުނާ ގޮތުން ޕާޓީގެ އިއްޒަތަށް އަދި ޕާޓީ ހިފަހައްޓާ މަގުސަދުތަކާއި ބޭނުންތަކުގެ އިއްޒަތަށް ނުވަތަ ޕާޓީގެ މަސްލަހަތުތަކުގެ އިއްޒަތަށް ބުރޫއަރާނެ ނޭއްގާނީ އަމަލެއް ނުވަތަ ހިންގުން ނުވަތަ އަބުރު ގެއްލޭފަދަ ކަމެއް ހިންގާފައިވާނަމަ ފިޔަވަޅު އެޅޭނެ އެވެ.

އެ މެސެޖުގައި އީސަ އިތުރަށް ވިދާޅުވީ، އެމްޑީޕީއިން ކަންކަން ކުރައްވަނީ ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ކަމަށެވެ. އަދި އެމްޑީޕީން މައްސަލައެއް ބަލަމުންދާކަން ވެސް އޭނާއަށް އަންގާފައި ނުވާ ކަމަށެވެ.

"ހުރިހާ ކަމެއް ޕާޓީންވެސް ކުރަވަމުން އެ ގެންދަވަނީ އަޅުގަނޑަށް ޖަވާބުދާރީވާނެ ފުރުސަތެއް ނުދެއްވާ. މައްސަލައެއް ބަލާ ކަމެއް އަދި ބެލިކަމެއްވެސް ނާނގާ. ވީމާ މަޖިލިސް ކޮމިޓީންވެސް އެ ފުރުސަތު ލިބޭނެކަމުގެ އުއްމީދެއް ނެތް،" އީސަ ވިދާޅުވި އެވެ.

ވަރަށް ދުރުދުރުން އީސަ އެ އިޝާރަތް ކުރެއްވީ، އީސަގެ މައްސަލަ ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމާއި ގުޅޭ ގޮތުންނެވެ. އެ ކޮމިޓީގެ ބައްދަލުވުމަށް ޖެންޑާ މިނިސްޓްރީ އާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ފުލުހުންނާއި، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިތުރުން އެޗްއާރްސީއެމްގެ އިސް ބޭފުޅުން ހާޒިރުކޮށް މައުލޫމާތު ސާފުކުރަން ވަނީ ހަމަޖެހިފަ އެވެ.

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާދިން ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ އެކު އީސަ ހައްޔަރުކުރަން ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. އީސަ ހައްޔަރު ކޮށްދިނުމުގެ އަމުރަކަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް އީސާގެ ކިބައިން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ނުބެލޭތީވޭ ކްރިމިނަލް ކޯޓުން އަމުރު ނެރެއެއް ނުދެއެވެ.