މާލެއަށް އެތެރެކޮށް، ދުއްވާ އުޅަނދުތަކުގެ ލިމިޓަކާއި މުއްދަތުތައް ކަނޑައަޅައި، އޭގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ޓްރެފިކް ތޮއްޖެހުން ކުޑަ ކުރުމުގެ ގޮތުންނާއި އުޅަނދުތައް ދުއްވުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އޭޖް ލިމިޓެއް ކަނޑައެޅުމުގެ މަޝްވަރާތަކެއް ޓްރާންސްޕޯޓު މިނިސްޓްރީ އާއި ކުރީގެ ސިޓީ ކައުންސިލާއި ދެމެދު ވެސް ކުރިޔަށް ގެންދިޔަ އެވެ. އެހެން ނަމަވެސް އޭރު އެ މަޝްވަރާތަކުގައި ވަކި ގޮތެއް ނިންމާފައި ނުވީ ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވެސް ވަނީ، މާލޭގެ ޓްރެފިކަށް އޮތް ހައްލަކީ އޭޖް ލިމިޓް ކަނޑައެޅުންކަން ފާހަގަކޮށްފަ އެވެ

ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ސިޓީއަށް އެތެރެ ކުރާ ވެހިކަލްތަކުގެ ޒިންމާ ކަނޑައެޅުން ސިޓީ ކައުންސިލާއި ގާނޫނުން މަތިކޮށްފައިވާ ކަމަށެވެ. އަދި މާލޭގައި މިވަގުތު ވެހިކަލްތަކުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި އޭގެ އިތުރުން ބޭނުންނުކުރާ ގިނަ އަދަދެއްގެ ވެހިކަލްތައް މާލޭގެ އެކި މަގުތަކުގައި ޕާކުކޮށްފައި ހުންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ވަނީ ޕާކު ކުރާނެ ޖާގަތަކުގެ މައްސަލަ އުފެދުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ އެގޮތަށް ބޭނުން ނުކުރާ އުޅަނދުތައް ޕާކުކޮށްފައި ހުރުން ކަމަށް މޭޔަރު ވަނީ ފާހަގަކުރައްވައިފަ އެވެ. އެކަން ހައްލުކުރުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާތަކެއް ކުރެވުމަށްފަހު އުޅަނދުތަކުގެ ލިމިޓު ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށް މޭޔަރު އިތުރަށް ވަނީ ވިދާޅުވެފަ އެވެ.

"އެކަން ކުރުމަށްޓަކއި ހަތް ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް މިއަދު ވަނީ ނެގިފައި. އެ ކޮމިޓީން މަސައްކަތް ކުރިޔަށް ގެންދާނެ، ކުރިޔަށް ގެންގޮސް އެ ކޮމިޓީއަށް ފާހަގަ ކުރެވޭކަންކަން ފާހަގަކުރުމަށްފަހު ދެ ހަފްތާގެ ތެރޭގައި އެ ކޮމިޓީގެ ފައިންޑިންސްތައް ކައުންސިލްގެ ރަސްމީ ބައްދަލުވުމަކަށް ހުށަހަޅާނެ، އެ ކޮމިޓީގެ ހޯދުންތައް ކައުންސިލަށް ހުށަހެޅުމުން މާލޭގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދާއި، އަދި އޭގެ ހާލަތު ކަނޑައެޅުމަށްޓަކައި ނިންމަންޖެހޭ ފަހުގެ ނިންމުންތައް ނިންމާނެ،" މޭޔަރު ވިދާޅުވި އެވެ.

އުޅަނދުތަކަށް ލިމިޓެއް ކަނޑައެޅިގެން ދިޔުމަކީ މާލޭގެ ޓްރެފިކަށް ލިބިގެންދާ ލުޔެއްގެ ގޮތުގައި މޭޔަރު ފާހަގަ ކުރެއްވި އެވެ. އަދި ކިތަންމެ ގިނައިން މާލޭގައި ވެހިކަލްތައް ޕާކު ކުރުމުގެ ވަކި ސަރަހައްދުތަކެއް ކަނޑައެޅިޔަސް މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދަށް ބަދަލެއް ނާންނަނީސް އެކަމުގެ ހައްލެއް އަންނާނެކަން ގަބޫލެއް ނުކުރާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ،