ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއާރްޑީސީގެ މެނެޖިން ޑިރެކްޓަރުކަން ކުރެއްވި އިބްރާހިމް ނަޒީމާއި އެ ކުންފުނީގެ އޭރުގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ނަޒީމްގެ އިތުރުން ދެން ދައުވާ ކުރަން ފޮނުވާފައި ވަނީ އެ ކުންފުނީގެ ބޯޑު މެމްބަރުން ކަމަށްވާ ވ.ނަލަދުވެލި، މުހައްމަދު ރިޔާޒް (ވޮލީ ރިޔާޒު) އާއި މއ. ޔެލޯޑައިމަންޑް، އަހުމަދު ރަޝީދާއި ގ.މާބަދި، މުހައްމަދު އަލީދީދީގެ މައްޗަށެވެ.

އެބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ 2014 ވަނަ އަހަރު އެމްއާރްޑީސީ އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިން ކްރާފްޓް ގަންނަ އަގުގެ 50 ޕަސެންޓަށްވާ ފައިސާ ދީފައިވަނީ އެމްއާރްޑީސީގެ ބޯޑު މެންބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އެ މައްސަލައަކީ، 16 އޮކްޓޫބަރު 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައިވާ މައްސަލައެކެވެ.

އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމްއާރްޑީސީ އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިންގ ކްރާފްޓް ގަންނަ ޖުމްލަ އަގުގެ 50 ޕަސެންޓަށްވާ 7,494,200.00 ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމްއާރްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޒީމް އާއި ޗެއާމަން މުހައްމަދު ރިޔާޒް އާއި އަހުމަދު ރަޝީދު އަދި މުހައްމަދު އަލީދީދީ އަށް އެނގިހުރެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

އަދި އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، އިބްރާހީމް ނަޒީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗާ އެޕްރޫވްކުރީ ވެސް އޭނާގެ އެ އަމަލުގެ ނަތީޖާ އެނގިހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަހްގީގަށް ސާބިތުކުރެވޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.