އިންޑިއާ ސަރުކާރުން އައްޑޫގައި ހުޅުވަން ނިންމި އެ ގައުމުގެ ކޮންސިއުލޭޓް އޮފީސް ވީހާވެސް އަވަހަށް ހުޅުވައި، ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށް އައްޑޫޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ކެބިނެޓްގެ ބައްދަލުވުމުގައި ނިންމާފައި ވަނީ މިއަހަރު ނިމުމުގެ ކުރިން އައްޑޫގައި ކޮންސިއުލޭޓް ގާއިމުކުރުމަށެވެ. ނަމަވެސް ކޮންސިއުލޭޓް އޮފީހެއް ހެދުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ އެކު މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އަސްލަމް ޓުވިޓާ މެދުވެރިކޮށް މިއަދު ވިދާޅުވީ، އައްޑޫގައި ކައުންސިލޭޓް އަޅަންވީ ވަގުތު އައިސްފައިވާ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ވީހާވެސް އަަވަހަށް ހުއްދަ ދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މެމްބަރު އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންސިއުލޭޓް އޮފީސް ހުޅުވުމުން، އިންޑިއާގެ އިންވެސްޓުމެންޓްތައް ސީދާ އައްޑޫއަށް އަންނާނެ ކަމަށެވެ.

"އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ އައްޑޫގައި އިންޑިއާގެ އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެން ދާނެ. އަދި އައްޑޫ ރައްޔިތުންނަށް ވިސާ ލިބުމުގައި ފަސޭހަވާނެ،" އަސްލަމް ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ނިންމީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން"ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވުމުން ކަމަށެވެ.

އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް ނިންމާފައި މިވަނީ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އެ ގައުމުގެ އެހީގައި އައްޑޫގައި ފަށާފައި ވަނިކޮށެވެ.

މޯދީ ރިޔާސަތު ބެލެހެއްޓި ކެބިނެޓް ބައްދަލުވުމުގައި ނިންމީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް އިންޑިއާއިން ބޭނުންވި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާނީ ދިވެހި ސަރުކާރުން ހުއްދަ ދިނުމުން ކަމަށެވެ. ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވުމުން އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާ އައްޑޫގެ ރައްޔިތުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.