ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހަތަރު ވަނަ މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 71 އަހަރުގެ ފިރިހެނެއް މިރޭ ވަނީ މަރުވެފަ އެވެ.

މިއީ މި ބަލީގައި ރާއްޖެން މިހާތަނަށް މަރުވި 148 ވަނަ މީހާ އެވެ. މިއަދު މި ބަލީގައި އެންމެ ފުރަތަމަ މަރުވީ އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 91 އަހަރުގެ މީހެކެވެ. އެއީ މިއަދު ހެނދުނު 10:20 ގަ އެވެ. އެއަށްފަހު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 61 އަހަރުގެ ފިރިހެނަކު ވަނީ 2:35 ގައި މަރުވެފަ އެވެ. އަދި އޭގެފަހުން ވެސް މިރޭ އެ ފެސިލިޓީން 77 އަހަރުގެ ފިރިހެނަކު މަރުވެފައިވެ އެވެ. އެއީ މިރޭ 7:21 ގަ އެވެ.

މި މަހުގެ ތެރޭގައި މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 75 އަށް އަރާފަ އެވެ.