ކޮވިޑްގެ ޙާލަތުން މާލޭގެ ރައްޔިތުން ސަލާމަތްކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ކޯލް ސެންޓަރުގައި ހަރަކާތްތެރިވާ ފަށައިފި އެވެ.

މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ކޮވިޑް ހާލަތުން އަރައިގަތުމަށް މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން ކޯލް ސެންޓަރުގައި އަންނަ ކޯލްތަކަށް ޖަވާބު ދެއްވުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ދަނޑިވަޅުގައި އާންމުންގެ ފޯނު ކޯލުތަކަށް އެޗްއީއޯސީން ޖަވާބު ދެވޭލެއް ލަސްވުމުންނާއި ނަގާ ސުންކުތަކުގެ ނަތީޖާ ލަހުން ލިބޭ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ. އަންހެނުންގެ ކޮމިޓީގެ މެންބަރުން ކޯލް ސެންޓަރުގައި ހަރަކާތްތެރިވާ ގޮތަށް ހަމަޖެއްސީ، ކޯލް ސެންޓަރުތަކުން ފޯން ނުނަގާ ކަމުގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.

ސިޓީ ކައުންސިލުން ވަނީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމާ ބައްދަލު ކުރައްވާ ކޮވިޑް މެނޭޖްކުރުމުގައި ސިޓީ ކައުންސިލަށް ވެދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެ، މާލޭގައި ވެސް ބަލި ފެތުރުން އިތުރުވެ ކާފިއު ވަގުތު އިތުރުކޮށް "ފުރަބަންދު" ގައި އަމަލުކުރާ ވަރަށް ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.

ފަހަކަށް އައިސް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ނިޔާވީ ވެސް މި މަހުގައެވެ. ނިޔާވި މީހުންގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި މީހުން ނިޔާވީ މި މަހުގައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެގެން ދިޔައީ ސަރުކާރަށް ހާލަތު މެނޭޖް ނުކުރެވުން ކަމަށް ބުނެ ގިނަ އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިތުރަށް ހާލަތު ގޯސްވެގެން ގޮސްފިނަމަ ފަރުވާ ދެވޭ ވަރަށް ސިއްޚީ ޚިދުމަތްތެރިން ވެސް ނެތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްޚީ މާހިރުން ދަނީ އެދެމުންނެވެ.