މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވި ޒުވާނާ ކޮވިޑަށް ޕޮޖެޓިވް ވެފައިވާ ކަމަށާއި ސައިކަލް ދުއްވަން އިން މީހާ އަދިވެސް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގަލޮޅު ސަހަރާ ކައިރީ، ހުވަފެނީ މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރޭގެ އެކްސިޑެންޓުގައި އެ ސައިކަލު ދުއްވަން އިން މީހާ ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރޭ 10:00 ޖަހަން އުޅެނިކޮށް ހުވަފެނީ މަގުގައި އެކްސިޑެންޓެއް ހިނގާފައި ވާ ކަމަށާއި އަދި މި އެކްސިޑެންޓް ހިނގީ، ދުއްވާފައި ދިޔަ ސައިކަލެއް، ގާޑިއަލަކަށް އަރައިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރޭ ހިނގި އެކްސިޑެންޓްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި، ރޭ ނިޔާވި ޒުވާނާގެ ކަރުން ލޭފައިބަމުންދެއެވެ. އެ ސަރަހައްދަށް އެއްވެފައިވަ މީހުންގެ ތެރެއިން މީހަކު ޓީޝާޓް ބާލައި، އޭނާގެ ކަރުގައި އޮޅާލާ މަންޒަރުވެސް ފެނެ އެވެ. އޭނާގެ ކަރުގައި ޓީޝާޓް އޮޅާލި ނަމަވެސް އެވަގުތުވެސް ލޭ ފައިބަމުންދާ މަންޒަރު ފެނިގެންދެ އެވެ.

އެ ވީޑިއޯއިން އަޑުއިވޭ ގޮތުގައި އެމްބިއުލާންސް ލަސްވާތީ އެކަމާ ޝަކުވާ ކުރާ އަޑު އިވިގެންދެ އެވެ.

ބައެއް މީހުން އެމްބިއުލާންސަށް ގުޅާށޭ ގޮވާ އަޑު އިވޭއިރު، އަނެއް ބަޔަކު، ގުޅައިފީމޭ ގޮވާ އަޑުވެސް ދައުރުވަމުންދާ ވީޑިއޯއިން އިވެ އެވެ. އަދި މަގު ބަލަހައްޓަން ތިބި ސިފައިންގެ މީހަކާއި ފުލުހަކު ކުޑަ އިރުކޮޅެއް ތެރޭގައި އެތަނަށް އައި މަންޒަރުވެސް ފެނެއެވެ.

ނަމަވެސް، ވީޑިއޯއިން ފެންނަ ގޮތުގައި ދެ ގަޑި އިރެއްހާއިރު ވީއިރު ވެސް އެތަނަށް އެމްބިއުލާންސެއް ނާދެ އެވެ.