ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ މައުލޫމާތު ސީދާ ގޮތެއްގައި އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެފައިވާތީ މިއަދު ސަރުކާރުން އެކަމަށް ރައްދު ދީފި އެވެ.

އިއްޔެގެ ވަގުތެއްގައި ހަލީމް ވިދާޅުވެފައި ވަނީ، ހަމަލާގައި ވެފައިވާ ޒަހަމްތަކަށް ފަރުވޯ ހޯއްދަވަން މިހާރު ޖަރުމަނުގައި ހުންނެވި ނަޝީދާ ވާހަކަ ދައްކާލުމުގެ ފުރުސަތު މިއަދު ލިބިވަޑައިގަތް ކަމަށެވެ. ދެކެވުނު ވާހަކައިގެ ކުޑަ ތަފްސީލެއް ހަލީމް ވަނީ ހިއްސާކުރައްވައިފަ އެވެ.

އެގޮތުން އޭނާ ހިއްސާކުރެއްވީ، ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު މައުލޫމާތު ސީދާ ނަޝީދަށް ނުލިބޭތީ އެ މައުލޫމާތު ހޯދަން ޖެހެނީ ރައީސް އޮފީހުން ކަމަށް ބުނެ ކުރި ޝަކުވާ އެވެ. ހަލީމް ވިދާޅުވީ އެކަމާ ގުޅިގެން ނަޝީދު ހުންނަވަނީ ވަރަށް ކަންބޮޑުވެފައި ކަމަށެވެ

ތަހުގީގުގެ މައުލޫމާތު ސީދާ އެ މަނިކުފާނަށް ނުލިބި، ރައީސް އޮފީސް މެދުވެރިވެގެން ސާފުކުރަން ޖެހުމަކީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވި،" ހަލީމް ވިދާޅުވި އެވެ. "ތަހުގީގުގެ މައުލޫމާތު ސީދާ އެ މަނިކުފާނަށް ނުލިބި، ރައީސް އޮފީސް މެދުވެރިވެގެން ސާފުކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި."

ހަލީމުގެ އެ ވާހަކަތަކާ ރައްދު ދެއްވާ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ވިދާޅުވީ ތަހުގީގުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އީވާ އަބްދުﷲ އަށާއި 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމަށް ފުލުުހުން ދޭ ކަމަށެވެ. އަދި އޭގެ އިތުރުން ވަކިވަކި ބައެއް މެމްބަރުންނަށް ވެސް މައުލޫމާތު ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާލަމެންޓްރީ އިންކުއަރީއެއް ވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އަންނަނީ ހިންގަމުންނެވެ. އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާއި މެދު އޭނާ ހިތްހަމަޖެހިވަޑައިގަންނަވަ އެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެ މަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުގަ އެވެ.

ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ހިންގާ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގު އަވަހަށް ނިންމަން ފުލުހުން ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން މާލެ އާއި އެހެން ބައެއް ރަށްރަށުން މީހުން ހައްޔަރުކޮށް، ތަންތަން ބަލައި ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގައިފަ އެވެ.