ދުވަސްވީ ސާމްޕަލްތަކާ އެކު މިއަދު ވެސް 1،299 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން ރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ޕޮޒިޓިވްވީ 1،299 މީހުންނެވެ. މިރޭވެސް އިއުލާން މި ކުރީ ހަމަ އެ އަދަދަށް އަލަށް މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 799 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 487 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 60،943 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 25،149 ގައި މިހާރު ހުރިއިރު 35،365 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 270 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 151 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ފުލުހުން ދޭ ހުއްދައެއްގެ ދަށުން ނޫނީ މާލޭގައި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.