ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވުމާއެކު 22.7 ޕަސެންޓުގައި ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާލުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ކުރިއަރާ މިންވަރަށް ބަލާލާއިރު، މިދިޔަ އަހަރު އިގްތިސޯދު ދަށަށް ދިޔަ ކަމަށް ލަފާ ކިރެވެނީ 27.5 ޕަސެންޓާއި 29.3 ޕަސެންޓުގެ ދެމެދުގެ އަދަދެއްގައި ކަމަށެވެ. އަދި މިދިޔަ އަހަރު ބަޖެޓް ތައްޔާރުކުރި އިރު، ފަތުރުވެރިން ޒިޔާރާތް ކުރާނެ ކަމަށް އޭރު ލަފާކުރެވުނު އަދަދަށް ބިނާކޮށް ޖީޑީޕީ އިތުރުވާނެ ކަމަށް އޭރު ބެލެވުނީ 13.5 ޕަސެންޓަށް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވާތީ، އިގްތޯދީ ދުވެލި 13.5 އިންސައްތަ އާއި 34.1 އިންސައްތައާ ދެމެދުގަ ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަހަރު އިގްތިސޯދު ރަނގަޅުވި ކަންތައްތަކުގެ ތެރޭގައި ފުރަތަމަ ކަމަކަށް ވެކްސިން ލިބެން ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތައް އައިސްފަ މިވަނީ. އަދި އޭގެއިތުރުން ސަރުކާރުގެ އިކޮނޮމިކް ރިވިއުއާ އިކޮނޮމިކް ލޯނުތަކުން މި އަހަރު އިގްތިސޯދު އަލުން ކުރިއެރުމަށް މަގުފަހިކޮށްދީފަވާކަމަށް ފާހަގަކުރެވޭ،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ވެކްސިނާއި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ ސަބަބުން އިގްތިސޯދު ރަނގަޅުވަމުން އަޔަސް ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން އިގްތިސޯދު އަނެއްކާވެސް ދަށަށްދާން ފަށާފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ ތެރޭގައި ކޮވިޑްގެ އަދަދުތައް ދަށްވެ އިގްތިސޯދު ކުރިއަރަން ފަށާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ވެސް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އަންދާޒާތަކަށް ވުރެ އިތުރުވެފައިވާ ކަމަށާއި މި އަހަރުގެ ފުރަތަމަ ހަތަރު މަހުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ 60 ޕަސެންޓް ކަމަށް އަމީރު ވިދާޅުވި އެވެ.

"2020 ވަނަ އަހަރު ފަތުރުވެރިން އެވްރެޖްކޮށް ހޭދަކުރާ ދުވަހުގެ އަދަދުވެސް ބެޑްނައިޓް ވެސް އިތުރުވެގެން ދިޔަ. އަދި މި އަހަރު ފަތުރުވެރިން އެވްރެޖްކޮށް ހޭދަކުރާ ދުވަހުގެ އަދަދު ހުރީ ކޮވިޑް-19 ގެ ކުރިން ހުރި މިންވަރަށް ވުރެ މަތިކޮށް. 2019 ވަނަ އަހަރު އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަކީ 6.3 ދުވަސް. މި އަހަރު އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަކީ 8.5 އާއި 9 އާ ދޭތެރޭގައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ބެޑް ނައިޓްސް ހުރީ 2019 ވަނަ އަހަރުގެ ހަތަރު މަހުގެ ބެޑް ނައިޓާ ގާތްގަނޑަކަށް 80 ޕަސެންޓުގައި ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ބަލާއިރު، އެއް މިލިއަން ފަތުރުވެރިންނަށް ވުރެ ގިނައިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"2019 ވަނަ އަހަރުގެ މިންވަރަށް ފަތުރުވެރިކަން ރުޖޫއަވާނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރުގެ ކުރީކޮޅު،" އަމީރު ވިދާޅުވި އެވެ.