ތިން ހަފްތާ ފަހުން މާލޭގެ ކޮވިޑްގެ ކޭސްތައް 400 އަށް ދަށްވެއްޖެ އެވެ.

ތިން ހަފްތާ ފަހުން މުޅި ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ވަނީ 1،000 އިން ދަށަށް ގޮސްފަ އެވެ.

މާލޭގެ ކޭސްތައް 400 އަށް އެރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަދި މުޅި ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު 1،000 އިން މައްޗަށް އެރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މިއާ އެކު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ ތިރިވާން ފަށާފަ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 901 މީހުންނެވެ. އަދި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 468 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 417 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 11 މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކުން ހަތަރު މީހަކު އަދި ސަފާރީތަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 61،844 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 24،818 ގައި މިހާރު ހުރިއިރު 36،862 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 252 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 155 މީހަކު ވަނީ މަރުވެފަ އެވެ.