އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވެއްޖެ އެވެެ.

އިންޑިއާގެ މައި ކެބިނެޓުން ވަނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރަން ފާސްކޮށްފަ އެވެ. ނަމަވެސް ދިވެހި ސަރުކާރުން އަދި އެކަމާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެއްވެސް ނިންމުމެއް ނިންމައިފައެއް ނެތް ކަމަށާއި އިންޑިއާއިން ސަރުކާރުން ކޮންސިއުލޭޓް އޮފީސް ގާއިމުކުރަން އަދި ރަސްމީކޮށް ނާންގާ ކަމަށެވެ.

ސަރުކާރުން އެކަމާ ގުޅޭގޮތުން އަދި ވަކިގޮތެއް ކަނޑައަޅާފައި ނުވަނިކޮށް މި މަހުގެ 17 ގައި ހުވާކުރެއްވި އައްޑޫގެ އާ މޭޔަރު އަލީ ނިޒާރު ވަނީ އިންޑިއާ ކޮންސިއުލޭޓް އޮފީސް އައްޑޫގައި ހުޅުވަން ތާއީދުކޮށްފަ އެވެ. މީގެ އިތުރުން އައްޑޫ ތަމްސީލުކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުން ވެސް ވަނީ އެ ކަމަށް ތާއީދުކޮށްފަ އެވެ.

އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުރުމަކީ ހަމައެކަނި އައްޑުއަށް ލިބޭ ކުރިއެރުމެއް ނޫނެވެ. އެއާއެކު އެ އަތޮޅު ކައިރީގައި އޮތް ފުވައްމުލަކާއެކު މުޅި ދެކުނަށް ވެސް އޭގެ ފައިދާކުރާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވި ގޮތުގައި މި ކޮންސިއުލޭޓަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވެސް އިތުރަށް ވަރުގަދަވެގެން ދާނެ ކަމެކެވެ.

"މިއީ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގޮތުން ކުރިއެރުންތަކެއް ލިބި އައްޑޫ ރައްޔިތުންނަށް އިންޑިއާގެ ވިސާ ހޯދަން ވެސް ފަސޭވެގެން ދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އުންމީދުކުރަނީ އިންޑިއާގެ އެ ހުށަހެޅުން ވަރަށް އަވަހަށް ޕްރޮސެސްވެގެން ދާނެ ކަމަށް."

އެ ސިޓީގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވި ގޮތުގައި އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމަކީ އޭނާ ވެސް ވަރަށް ތާއީދުކުރައްވާ ކަމެކެވެ. އަދި އެ ތަން ހަދަން އޭނާ ލަފާ ދެއްވަނީ ފޭދޫ ދާއިރާގަ އެވެ.

ކޮންސިއުލޭޓް އޮފީހެއް ހުޅުވަން ޖެހޭ ކަމަށް ބުނެ އައްޑޫގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވެސް ވަނީ އިންޑިއާ ސަރުކާރުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އަދި ވިދާޅުވީ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރުމުން އެ ސިޓީއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ހުޅުދޫ މެމްބަރު އިލްޔާސް ލަބީބް ވެސް ވިދާޅުވިގޮތުގައި، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ނަހަދަންވީ ސަބަބެއް ނެތެވެ. އޭގެ ސަބަބުތައް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ އިންޑިއާ ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ 200 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ވާހަކަ އެވެ. އެ މަޝްރޫއުގެ ތެރެއިން އެ ސިޓީގެ މަގުތައް ހަދައި އެއާޕޯޓު ތަރައްގީކުރާނެ އެވެ.