ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި، ހާއްސަކޮށް އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގޭގެ ތަފްސީލީ މައުލޫމާތު ހާމަކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަން ނިންމައިފި އެވެ.
އެ މައުލޫމާތުތައް ހިމަނާފައި ވަނީ "މިހާރު" ނޫހުގައި އިއްޔެ ޝާއިއުކުރި ލިޔުމެއްގަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.
އެ މައްސަލައިގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެފަދަ މައުލޫމާތަކީ އާންމުކޮށް ރާއްޖޭގެ ސަލާމަތާއި އަމަންއާންމު ރައްކާތެރިކުރުމުގެ ގޮތުން މައުލޫމާތު އެއްކުރުމުގެ ބާރާއި އިޚްތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެއްކުރާ މައުލޫމާތެއް ކަމަށް އެ ކޮމިޓީން ދެކޭ ކަމަށެވެ.
އެ މައުލޫމާތު އާންމު ވުމަކީ ރައީސް ނަޝީދުގެ ހިމާޔަތާއު ރައްކާތެރިކަމައި، ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ އާއިލާގެ ރައްކާތެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދަކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެނޫން އެއްވެސް ފަރާތަކާ ހިއްސާކުރުމަކީ މަނާކަމެއްކަން ވެސް ކޮމިޓީން ބުންޏެވެ.
"މި މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށް ވެފައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން މިކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، މި ކޮމިޓީއިން މި މައްސަލަ ބެލުމަށް ނިންމާފައިވާ ކަމުގައި ދަންނަވަމެވެ." ކޮމިޓީގެ ބަޔާނުގައިވެ އެވެ.
ރައީސް ނަޝީދު އަވަހަރާކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފުރާނަ ސަލާމަތްކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއްކޮށް، އަދި މިހާރު ވެސް ގެންދަވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުންނެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އެ ހަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީ އާއި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ހަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ހަވާލާދީ "މިހާރު" ނޫހުން ޕްރޮޕަގެންޑާ ފަތުރާފައިވާ ކަމަށެވެ.
ރައީސް ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކްއޮތް ފަރާތެއްކަން ސަލާމަތީ ޚިދުމަތްތަކަށް އެނގިފައިވާއިރު، އަދި ގާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ލާޒިމުކޮށްފައިވާއިރު، އެ މަނިކުފާނު އަވަހާރަކޮށްލުމަށް ޓެރަރިޒަމުގެ ހަމަލާ މަޖީދީމަގުން ރައްދުވުމުން، އެ މަނިކުފާނަށް އެގޮތަށް އިލްޒާމުއެޅުވުމަށް މަސައްކަތްކުރުމަކީ ސިދާ ޕްރޮޕަގެންޑާއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.