ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓޭ ގޮތް ހަދަން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެޓާނީ ޖެނެެރަލްގެ އޮފީހުން މިހާރު ވަނީ ރައީސް އޮފީހަށް ފޮނުވާފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިޔުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

މީގެއިތުރުން ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހުންނަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ނިންމާފައިވެ އެވެ.

ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު މިހާރުވެސް ޓެރަރިޒަމްގެ ގާނޫނުން ފުލުހުންނަށް ލިބިގެންވެ އެވެ. ހައްޔަރުކުރާ މީހުން 48 ގަޑިއިރު ވަންދެން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށް ވެސް އިސްލާހު ހުށަހަޅަން ނިންމާފައިވެ އެވެ. އެފަދަ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމަކީ އިސްލާހު ހުށެހެޅުމުގެ ބޭނުމެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ މީހުން އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެތަނަކަށް ވަދެ އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވާނެ އެވެ.

ހަނގުރާމައަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިޔުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންނާމެދު އަމަލުކުރާ އިޖުރާއަތުތަކަށް ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލަކީ އެފަދަ މީހުންގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ މީހުންގެ ތަހުގީގު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުން ހިމެނެ އެވެ. އަދި އެނޫން މީހުންނަކީ އެފަދަ އަމަލުތަކުގައި ސީދާ ބައިވެރިވި މީހެއް ކަމަށް ނުވިނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއް ކަމުގައި ބަލައި އެފަދަ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރަން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ތަންފީޒުކުރަމުންދާ މީހުންނާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަހުގީގު މަރުހަލާގައި ބަންދުގައިވާ މީހުންނާއި ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ގާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން މުޖުތަމައުއަށް އަނބުރާ ރުޖޫއަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ގާނޫނުގައި ކަނޑައަޅަން ވެސް އިސްލާހު ހުށަހަޅާނެ އެވެ.