ތެލް އަވީވް (30 މެއި) - އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމު ފާއިތުވި 12 އަހަރު ފުރުއްވަމުން ގެންދަވާ ބެންޖަމިން ނަތަންޔާހޫގެ އަނިޔާވެރި ދައުލަތް ނިމެން އުޅޭކަމުގެ ކޮޅުމަތި ފެނިއްޖެ އެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ބޭއްވި ނަތީޖާ ނުނެރެވުނު ހަތަރު އިންތިހާބަކަށްފަހު މައި އިދިކޮޅު ލީޑަރު ޔާސިރު ލަޕިޑަށް ވަނީ އިދިކޮޅު އެހެން ފަރާތްތަކާ ކޯލިޝަން ހަދައި އާ ސަރުކާރެއް އުފެއްދުމަށްޓަކައި 28 ދުވަހުގެ މުހުލަތެއް ދީފަ އެވެ.

އެ މުހުލަތު މިއަންނަ ބުދަ ދުވަހަށް ހަމަވާއިރު އިދިކޮޅު އެހެން ޕާޓީއެއް ކަމަށްވާ ޔަމީނާ ޕާޓީގެ ނަފްތާލީ ބެންނެޓް އާ ކޯލީޝަން ހަދައި، ލެޕިޑްއާ ސަރުކާރެއް ހެދުން ގާތްކަމަށް އެ ގައުމުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ލެޕިސް އާއި ބެންނެޓްގެ ކޯލިޝަން މި ހަފްތާ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ބެލެވޭއިރު އެފަދަ ސަރުކާރެއް ގެންނަން ލެޕިޑްއަށް ނުކުޅެދިއްޖެ ނަމަ އެ ގައުމުގައި ފަސްވަނަ އިންތިހާބެއް ބޭއްވިގެންދާނެ އެވެ.

މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަނިޔާވެރި ސިޔާސަތުތަކަށް ބަދަލު ގެނެސްދޭނެ ސަރުކާރެއް ކަމަށް ގިނަ ބަޔަކު އުއްމީދު ކުރާ ލެޕިޑް-ބެންނެޓް ކޯލިޝަނަކީ މިހާތަނަށް އިޒްރޭލުގައި އުފެދޭނެ އެފަދަ ފުރަތަމަ އިންގިލާބީ ކޯލިޝަން އެވެ.

ނަތަންޔާހޫ އަކީ 12 އަހަރުގެ ދައުރަކާއެކު އިޒްރޭލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާ އެވެ. – އިންޑިއަން އެކްސްޕްރެސް