ގއ. ދާންދޫގައި ކާފިއު ގަޑީގައި އެރަށު ސިއްހީ މަރުކަޒުގެ އިސްވެރިޔާ، އިސްމާއީލް ލަތީފް މީހެއްގެ އަނތްބަކާއެކު އެކަހެރިކޮށް އަނދިރި ތަނެއްގައި ހުއްޓައި ފެނިއްޖެ އެވެ.

"ހުރިހާ" އާ ވާހަކަދެއްކި އެ މަންޒަރު ދުށް މީހަކު ބުނީ އިސްމާއިލް، މީހެއްގެ އަނތްބަކާއެކު އަނދިރި ތަނެއްގައި އެކަހެރިކޮށް ހުއްޓައި ފެނުނީ މިރޭ 11:30 ހާއިރު ކަމަށެވެ. ހަވީރު 4:00 އިން ފަތިހު 4:00 އަށް ދާންދޫގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.

އޭނާ ބުނީ ރަށުގެ އުތުރު ސަރަހައްދު ބީޗްގައި ހުންނަ އުސްފަސްގަނޑު ކައިރީ އަނދިރީގައި އަންހެނަކާ އެކު އެކަހެރިކޮށް އިސްމާއީލް ހުއްޓައި ފެނުމުން އެ މަންޒަރު ވީޑިއޯ ވެސް ކޮށްފައިވާ ކަމަށެވެ. އަދި ވީޑިއޯ ކުރަން ފެށުމުން އެ އަންހެން މީހާއާ އެކު ސައިކަލްގައި އިސްމާއީލް ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ އަންހެން މީހާ އަކީ މިރަށު ބޭސް ފިހާރައިގެ މުވައްޒަފު ހޯމް ކަރަންޓީނުގައި ހުރުމުން މި އަތޮޅު މާމެންދުއިން ވަގުތީގޮތުން ގެނެސްފައި ހުރި މީހެއް. އޭނަގެ ފިރިއަކާއި ދަރިއެއް ވެސް ހުރޭ. އަދި އިސްމާއީލް ލަތީފްގެ ވެސް އަނތްބަކާ ދަރިއެއް ހުރޭ،" އޭނާ ބުންޏެވެ.

އިސްމާއީލް މީހެއްގެ އަނތްބަކާއެކު އެކަހެރިކޮށް އުޅެނިކޮށް ނަގާފައިވާ ވީޑިއޯ ދާންދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް ފާރިޝް މުހައްމަދު ވަނީ ޓުވީޓް ކުރައްވާފަ އެވެ.

ދާންދޫން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގައި ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެފައި ވަނިކޮށް ސިއްހީ ޚިދުމަތްދޭ މުއައްސަސާގެ އެންމެ އިސްވެރިޔާ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.

"ސިއްހީ ޚިދުމަތްދޭ މުއައްސަސާގެ އިސްވެރިޔާ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް މިފަދަ އަމަލެއް ކުރުމަކީ މިރަށުގެ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރީންނަށް އޭނާ ކުރި މަލާމާތެއްތޯ. އަޅުގަނޑު ހަމަ އަޖައިބު އަންތަރީސް ވެއްޖެ. ކަމާބެހޭ މުއައްސަސާތަކަށް އަޅުގަނޑު ގޮވާލަން މިކަމުގައި އަވަސް ފިޔަވަޅު އަޅުއްވަން،" އޭނާ ބުންޏެވެ.

ދާންދޫގައި ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެފައިވާއިރު، އެރަށުން ކޮވިޑަށް ޕޮޒިޓިވްވި އެކަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ. އަދި އެރަށު އުމުރުން 27 އަހަރުގެ އަންހެނަކަށް ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ދާންދުއިން މިހާތަނަށް 210 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.