މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ، ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހު މުހައްމަދު (25އ) ހުރީ ބޭރުގެ ޑްރަގު ނެޓްވޯކެއްގައި ރަހުނުކޮށްފައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިސްބާހު ގެއްލިގެން ފުލުހުން ހޯދަން އިއުލާން ކުރީ މިދިޔަ މަހު 14 ގައި އެވެ. އެއީ އާއިލާގެ ފަރާތުން އެކަން ރިޕޯޓް ކުރުމުންނެވެ.

ފުލުހުންގެ މިޑީއާ އޮފިޝަލް މިރޭ ވިދާޅުވީ، މިސްބާހު ރާއްޖެއިން ފުރި ތާރީހަކީ، މިދިޔަ އަހަރު ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 10:13 ގައި ކަމަށެވެ. އަދި އޭނާ ފުރަތަމަ ފުރީ ދުބާއީއަށް ކަމަށާއި އޭގެ ފަހުން ޕާކިސްތާނަށް ފުރި ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

މިސްބާހު ދުބާއީއަށް ދިޔައީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާއެކު ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު 8، 20202 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. އެ މައްސަލައިގައި 10 މީހަކަށް ދައުވާކޮށްފައިވެ އެވެ.

އިރުފާން ތަގިއްޔު އާއި މިސްބާހް ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، ދުބާއީއަށް ފުރިތާ 11 ދުވަސް ފަހުން ނޮވެމްބަރު 11 ގައި އެމިރޭޓްސްގެ ފްލައިޓަކުން އިރުފާން ރާއްޖެ އަނބުރާ އައި ކަމަށެވެ. ނަމަވެސް އިރުފާންއާއެކު މިސްބާހު ރާއްޖެ އައިސްފައި ނުވެ އެވެ.

"މިސްބާހް މުހައްމަދު ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތުތަކުން އެނގޭ،" އޮފިޝަލް ވިދާޅުވި އެވެ.

"އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައި ވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި 'ގެރެންޓާ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ،" ފުލުހުން ބުންޏެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، މިސްބާހް ފުރާފައިވާ ތާރީހަކީ ނޮވެމްބަރު 19، 2020 ކަމަށް މީގެ ކުރިން ބުނެވިފައި އޭރު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.