ރަހްމަތްތެރިންނާއެކު އެއިރެއްގެ އަދުގެ ހާލަތު މަޝްވަރާކުރުމަކީ އަހަރެންގެ އާދައެކެވެ. އެގޮތުން އެރޭ ވެސް އަހަރެމެން ވާހަކަ ދައްކަމުން އައީ އޭގެ ކުރީ ރޭގެ ޚަބަރުގެ ފަލަ ސުރުޚީތަކާ ބެހޭ ގޮތުންނެވެ.
ކުއްލިއަކަށް ރަހްމަތްތެރިއަކު ބުނި ޖުމްލައަކުން އަހަރެން ކައިރިއަށް އައީ ހިންޏެވެ. "ކިހިނަކުން ދިރިއުޅޭނީ ސުޕާރީ އާ ނުލާ" މި ޖުމްލަ އެ ރަހްމަތްތެރިޔާ ބުނީ ނުހަނު އަސަރާއެކީގަ އެވެ. ސަރުކާރުގެ އާ ސިޔާސަތުތަކުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ގެ ބާވަތްތައް ރާއްޖޭއަށް އެތެރެ ކުރުން ހުއްޓާލުމާއެކު އެ ރަހްމަތްތެރިޔާގެ ކަންބޮޑުވުމަކަށްވީ އެކަމެވެ.
ވާނީ ވެސް އެހެންތާ އެވެ. ސުޕާރީއަކީ އެއާ ނުލާ އޭނާގެ ނާސްތާ ފުރިހަމަ ނުވާނެ އެއްޗެކެވެ. ކެއުމަށްފަހު ހަފާލާ ސުޕާރީކޮޅުން ހިތަށް ލިބެނީ އަމަށަކު ހިތްހަމަ ޖެހުމެއް ނޫނެވެ. އެއިން ލިބޭ ގެއްލުން އެނގިހުރެ ވެސް އެ އާދައަށް ބަދަލެއް ނުގެނެވެނީ އެހެންވެ އެވެ.
އެ ރަހްމަތްތެރިޔާ ފަދަ ކިތަންމެ ބަޔަކު މި ރާއްޖޭގައި އުޅޭނެ އެވެ. މި ވަގުތު އެމީހުންގެ ހިތްތަކުގައި ވެސް ހިނގާނީ ރަހްމަތްތެރިޔާގެ ހިތުގެ ވެސް އުދާސްތައްކަން ގައިމެވެ.
ގެނެވުނު ބަދަލުތަކާ އެކު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްގެން ރާއްޖެއަށް ސުޕާރީ އެތެރެއެއް ނުކުރެވޭނެ އެވެ. އިތުރު އާ ޕެކޭޖިންއެއްގައި އުފެއްދުންތައް އެތެރެ ކުރަން ވެސް ދުވަސްކޮޅެއް ވާނެ އެވެ. އާ ޕެކޭޖިންއެއްގައި ރާއްޖެ އެތެރެ ކުރިކަމުގައިވިޔަސް ދެން ސުޕާރީގެ އަގު ވެސް ރާއްޖޭގައި ބޮޑުވާނެ އެވެ
މި ލިބުނު ފުރުސަތަކީ މި ނުބައި އާދައާ ދުރުވުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ސުޕާރީ ނުލިބިދާނެތީ ކަންބޮޑުވުމުގެ ބަދަލުގައި އުފާކުރަންވީ އެކަމުން ދުރުހެލި ވުމަށް އިތުރު ބާރެއް ލިބުނީތީ އެވެ.
ދެންވެސް ސުޕާރީ ކެއުން ހުއްޓާލާކަށް ނުވޭ ހެއްޔެވެ. ސިއްހަތާއި ދުޅަހެޔޮކަން އިސްކޮށް މި ނުބައި އާދާއާ ދުރުހެލި ވަމާތޯ އެވެ.