ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާ ކުރި މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާ ކުރި މައްސަލާގައި ދައުވާ ކުރުމަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އިސާ ކުރީގެ އަންހެނުން އަސްރާ ނަސީމަށާއި ދަރިފުޅަށް ގެވެށި އަނިޔާކުރި މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަަހުގަ އެވެ. އެހެން ނަމަވެސް އެމައްސަލާގައި ފުލުހުން ތަހުގީގް ކުރަމުން ދަނިކޮށް އެމައްސަލަ އަބުރާ ނެގުމަށް އަސްރާ ވަނީ ފުލުހުންނަށް ވަނީ ހުށައަޅާފަ އެވެ. އެކަމަކު ފުލުހުން ވަނީ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކުރުމަށްފަހު މިދިޔަ އަންގާރަ ދުވަހު ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ގެވެށި އަނިޔާގެ ތުހުމަތުގެ އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދުނެވެ. އެކަމަކު އެ ކޯޓުން ނިންމީ، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ގާނޫނީ އެކި ސަބަބުތައް ހުރުމުން އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ގެވެށި އަނިޔާގެ ތުހުމަތުތަކަށް މެމްބަރު އީސާ ވަނީ ދޮގުކުރައްވާފަ އެވެ. އެކަމާ ގުޅޭ ގޮތުން އީސާގެ ދޮށީ ދަރިފުޅު ވެސް ވަނީ އެވާހަކަ ތަކަކީ ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށާއި އެފަދަ ކަމެއް އީސަ ނުކުރައްވާނެ ކަަމަށް ބުނެފަ އެވެ.

މި މައްސަލަ ފެންމަތިވުމާއެކު މަޖިލީހުގެ މެމްބަރުކަމުން އީސަ އިސްތިއުފާ ދެއްވުމަށް ދިޔައީ ގޮވަމުންނެވެ. އެހެންވެ، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވި އެވެ.