ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމައި، ދައުވާކުރަން ފޮނުވުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އީސައާ ދެކޮޅަށް ހުށެހެޅި ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ ވަނީ ފަހުން އެދިވަޑައިގެންފަ އެވެ. ނަމަވެސްފުލުހުން ނިންމީ އެ ތަހުގީގު ކުރިއަށް ގެންދިއުމަށެވެ. ފުލުހުން އޭރު ބުނެފައި ވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވެގެން ހުށަހެޅިޔަސް، ޖިނާއީ މައްސަލަތައް ތަހުގީގުކުރާއިރު، މައްސަލައިގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަދު ފުލުހުން ބުނީ، އީސައާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މެމްބަރު އީސައަށް ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށް މަޖިލީހުގެ ލެޓާހެޑުގައި ބަޔާނެއް ނެރެފަ އެވެ. އަދި އީސަގެ ދޮށީ ދަރިފުޅު ވެސް ވަނީ ބައްޕަގެ ދިފާއުގައި ވާހަކަ ދައްކާފައިވެ އެވެ.

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް އީސައަށް ތުހުމަތުވުން ފުލުހުން އޭނާ ހައްޔަރު ނުކުރާތީ އާއްމުން ދިޔައީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެއާއެކު ޕީޖީ އޮފީހުން އަވަސް ވެގަތީ އީސަ ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށެވެ. އެ އަމުރު ހޯދުމަށް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ނިންމީ، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ގާނޫނީ އެކި ސަބަބުތައް ހުރުމުން އަމުރު ނެރެދެވެން ނެތް ކަމަށެވެ.

އީސަ ހައްޔަރުކުރަން ޖެހޭ ސަބަބުތަކުގެ ތަފްސީލު ދެއްވަމުން ޕީޖީއިން ކޯޓުގައި ބުނެފައި ވަނީ، އެ މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުންްގެ ތެރެއިން ބަޔާން ނުނެގި ތިބި މީހުންނަށް އީސަ ނުފޫޒު ފޯރުވައިފާނެ ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ.

އީސަ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައި ވަނީ، އަސްރާގެ ގައިގައި ގަދަކަމުން އަތްލައި، ތަޅައި މާރާމާރީ ހިންގައި އަދި އެ މީހުންގެ ދަރިފުޅު ގަދަކަމުން އަތުލައި، ގޭގެ ބެލްކަނިން ބޭރަށް މަގުމައްޗަށް ދިއްކޮށް، ކުއްޖާ މަގުމައްޗަށް ވައްޓާލައި، މަރާލާނެ ކަމަށް ބުނެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެހެން އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ސީރިއަސް ތުހުމަތުތަކެއް އީސައަށް އަމާޒުވުމުން މީހުން ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލައިފަ އެވެ. ނަމަވެސް މެމްބަރުކަމުން އިސްތިއުފާ ދިނުމުގެ ބަދަލުގައި އޭނާ ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އިސްތިއުފާ ދެއްވައިފަ އެވެ. އަދި މަޖިލީހުގެ ޖެންޑާ ކޮމިޓީން ވެސް މި މައްސަލަ ބެލި އެވެ.

އީސައަށް ނިސްބަތްވާ އެމްޑިޕީގެ މަގާމުތަކުން ވެސް އޭނާ ވަނީ ފަހުން ވަކިކޮށްފަ އެވެ. އެމްޑީޕީން އޭނާ މަގާމުތަކުން ވަކިކުރަން ނިންމީ އެތަކެއް ބައެއްގެ ނުރުހުން އެމްޑީޕީއަށް އަމާޒުވާން ފެށުމުންނެވެ. އެމްޑީޕީގެ މަގާމުތަކުން އޭނާ ވަކިކުރީއޭނާ ދެކޮޅަށް ކުރާ ޖިނާއީ ތަހުގީގު ނިމެންދެނެވެ. އީސަ ދިޔައީ އޭރު އެމްޑީޕީގެ ގައުމީ މަޖިލީހާއި ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މަގާމުތަށް ފުރުވައްމުންނެވެ.