ގުޅިފަޅު ވިޔަފާރީގެ ބަނދަރަކަށް ހަދަނީ މާލޭގެ ރައްޔިތުންގެ ވިންދާއި އިހްސާސްތަކާ ދެކޮޅަށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ވިޔަފާރީ ބަނދަރެއް ގާއިމް ކުރުމަށްޓަކައި ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ނަރީޝް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަން ގައި ހިމެނޭ ގުޅީފަޅު ވިޔަފާރި ބަދަރަކަށް ހަދަން މާލޭ ސިޓީ ރައްޔިތުން ދިޔައީ ދެކޮޅު ހަދަމުން ކަމަށެވެ.

އެ މަޝްރޫއު ހިންގަން ސަރުކާރުން ނިންމީ ދާދިފަހުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޔަގީންކަމަށް އިހްތިރާމް ކުރުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ފެށި ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ 55 ދުވަހުގެ ތެރޭގަ އެވެ. އެއީ 8.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހުޅުމާލެ ވެސް ޕްލޭންކުރި ސިންގަޕޫރުގެ އެޗްކިޔޫ ޑިޒައިންއިން އެ ރަށް ޕްލޭންކޮށްފައި ވަނީ، މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ވަރަށް ރީތިކޮށް، ޒަމާނީކޮށް، އަދި ތިމާވެއްޓާ ރަށްޓެހި ގޮތަށެވެ. އެ ޕްލޭން ތަންފީޒު ކުރުމަށް މަދުވެގެން އަށެއްކަ އަހަރު ނަގާނެ ކަމަށް އޭނާ އަންޒާދާ ކުރައްވަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގުޅިފަޅު ތަރައްގީކުރާނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ބަޔަކީ އާންމުން ދިރިއުޅޭ ސަރަހައްދު ކަމަށާއި ދެވަނަ ބަޔަކީ، މާލޭގެ ވިޔަފާރި ބަނދަރާ އެކު ތަރައްގީކުރާ ވިޔަފާރީގެ ސަރަހައްދާއި ވޯކާސް ވިލެޖް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.