ރާއްޖޭގެ އެންމެ ދެކުނު އައްޑޫގައި އިންޑިއާއިން ކޮންސިއުލޭޓެއް އޮފީހެއް ގާއިމުކުރުމުން މުޅި ރާއްޖެއަށް އެކަމުގެ ފައިދާ ލިބި، ރާއްޖެ ކުރިއަރާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާ ސަރުކާރުން ކޮންސިއުލޭޓް އަޅަން ނިންމި ނިންމުން ދިފާއު ކުރައްވައިފި އެވެ.

އިންޑިއާ ސަރުކާރުގެ ނިންމުން ދިފާއު ކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށެވެ. އަދި އެއީ އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައި ނުވާ ވިސްނުމެއް ކަމަށާއި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ސަބަބުން އައްޑޫއަށް ވެސް އަދި ރާއްޖެއަށް ވެސް ލިބެން އޮތީ ފައިދާ ކަމަށެވެ.

މުޅި ރާއްޖެއަށް ފައިދާވެ ރާއްޖެ ކުރިއަރާނެ ކަމަށް ނަޝީދު ވިދާޅުވިޔަސް ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރުން ރާއްޖެއަށް ލިބޭނެ ފައިދާއެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

ނަޝީދު އައްޑޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މީގެ ކުރިން ވިދާޅުވެފައި ވަނީ ޗައިނާ އާއި އިންޑިއާ ކުރާ ފިނިހަނގުރާމައަށް ހަމަޖެހުން ގެނެސްދޭނީ އައްޑޫ ސިޓީން ކަމަށެވެ އައްޑޫއަކީ ސްޓްރެޓެޖިކް ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާއިރު، ބެލެވޭގޮތުގައި ރައީސް ނަޝީދު އެ އިޝާރާތްކުރެއްވީ، އިންޑިއާއަށް އައްޑޫގައި ގާއިމުކުރާ ކޮންސިއުލޭޓަށް ކަމަށް ބެލެވެ އެވެ.

އައްޑޫގައި ކޮންސިއުލޭޓެއް އެޅުމަށް އަދި ދިވެހި ސަރުކާރުން ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެގޮތަށް އެކަން ކުރަން ނިންމާފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، ސަރުކާރުގެ އެކި ފަރާތްތަކުން ވެސް ދަނީ ކޮންސިއުލޭޓެއް އެޅުމުން އައްޑޫ ސިޓީ ތަރައްގީވާނެ ކަމަށް ބުނަމުންނެވެ.