ކޮވިޑް 19 އިން ރައްކާތެރިވުމަށް މިވަގުތު އޮތް އެންމެ ބޮޑު ފަރުވާއަކީ ވެކްސިން ޖެހުމެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހަމުން ދާއިރު ރަނގަޅު ގޮތުގައި ވެކްސިން ޖެހުމަށް ތައްޔާރު ވުމަކީ މުހިއްމު ކަމެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ވެކްސިން ޖެހުމުގެ ކުރިން އަދި ފަހުން ކުރުން ރަނގަޅު ބައެއް ކަންތައްތަކަށެވެ.

ދިފާއީ ނިޒާމް ތައްޔާރުވުން:

ވެކްސިން ޖެހުމުގެ ކުރިން ދިފާއީ ނިޒާމް އެކަމަށް ތައްޔާރު ކުރާށެވެ. ވެކްސިން ޖަހަން ދިއުމުގެ ކުރިން ހަމަ ނިދި ހޯދަންވާނެ އެވެ.

ވެކްސިން ޖެހުމުގެ ކުރިން ކެއުން:

ހުސް ބަނޑާ ވެކްސިން ޖަހައިގެން ނުވާނެ އެވެ. ވެކްސިން ޖަހަން ދިއުމުގެ ކުރިން ނާސްތާ ކުރާށެވެ. ކާއިރު ސިއްހަތަށް ފައިދާހުރި ބާވަތްތައް ހިމަނަން ވާނެ އެވެ.

ސައިޑް އެފެކްޓްތަކަށް ހޭލުންތެރިވުން:

ވެކްސިން ޖެހުމުން ކުރިމަތިވެދާނެ ސައިޑް އެފެކްޓްސް އާ ބެހޭ ގޮތުން ދިރާސާކޮށް އަމިއްލަ ނަފްސު ހޭލުންތެރި ކުރުވާށެވެ.

ވެކްސިން އަށްފަހު 30 މިނެޓް މަޑުކުރުން:

ވެކްސިން ޖެހުމަށްފަހު އެ ޖެހި ތަނެއްގައި 30 މިނެޓް މަޑުކުރަން ވާނެ އެވެ. އެއްވެސް އުނދަގުލެއް ވާނަމަ އޮފިޝަލުންނަށް ރިޕޯޓު ކުރާށެވެ.

ބުރަ މަސައްކަތް ތާވަލް ނުކުރުން:

ވެކްސިން ޖަހާ ދުވަހު ބުރަ މަސައްކަތެއް ތާވަލް ކުރުން އެދެވިގެން ނުވެ އެވެ. ވެކްސިން ޖެހުމަށްފަހު ހަށިގަނޑު އަރާމުކުރަން ވަގުތު ދޭށެވެ.

ސައިޑް އެފެކްޓްތަކަށް ފަރުވާ ކުރުން:

ވެކްސިން އަށްފަހު ގިނައިން ދިޔާ ތަކެތި ބޯންވާނެ އެވެ. އަދި ހުން އަންނަ ނަމަ ތެތް ފޮތިގަނޑެއް ބޭނުން ކުރާށެވެ.

ތިބާއަކީ ވެކްސިން ޖަހާފައިނުވާ ފަރާތެއް ނަމަ ވެކްސިން ޖަހަން އަވަސްވެ ގަންނާށެވެ. އަދި މިކަން ކަމަށް ސަމާލު ވާށެވެ.