ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގަށް ބޮޑެތި ކުރިއެރުން މިހާރު ލިބިފައިވާ ކަމަށާއި، ހަމަލާ އަކީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާއެއް ނަމަ އެ ބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފުލުހުން ބުނެފި އެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ، މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ 8:30 ވާން އުޅެނިކޮށް، ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، ސައިކަލެއްގައި އައިއީޑީއެއް ގޮއްވައިލައިގެންނެވެ.

އެ ހަމަލާގެ ތަހުގީގު މައުލޫމާތު ހިއްސާކުރުމަށް މިއަދު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނީ، ތަހުގީގު ކުރިއަށް ގެންދަނީ ހަމަލާ ދިނުމުގައި ބަޔަކު މާލީ ގޮތުން އެހީތެރިވެފައިވޭތޯ ބަލައި އެކަން ވެސް ދެނެގަތުމަށް ކަމަށާއި މިކަމުގައި އެމެރިކާގެ ތަޖުރިބާކާރެއްގެ ލަފަޔާއި އެހީ ހޯދަމުން އަންނަ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ ހަމަލާއަށް ފަންޑުކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދުމުގައި ކުރިއެރުން ލިބޭތޯ ސުވާލުކޮށްފަ އެވެ. ތަކުރާރުކޮށް ކުރި އެ ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނީ، ތަހުގީގަށް ކުރިއެރުންތައް ލިބިފައި ވިޔަސް އެކަމާ ބެހޭ ގޮތުން ތަފްސީލީ މައުލޫމާތު ދެވެން ނެތީ ތަހުގީގާ ގުޅޭ ގޮތުން ކުރިއަށް ހުރި ކަންކަމަށް ހުރަސްއެޅިދާނެތީ ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ހަމަލައާ ގުޅިގެން މިހާތަނަށް 150 އަށް ގިނަ ފަރާތުން ވަނީ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި މިހާތަނަށް 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެއީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި 10 މީހަކާއި ހަމަލާއާ ގުޅޭ ހަތަރު މީހެކެވެ.

ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ. ފުލުހުން ބުނީ މީގެ އިތުރުން ހައްޔަރުކޮށްފައިވާ މީހުންނާ ހަމަލާއާ ގުޅުން ހުރިތޯ މިހާރުވެސް ބަލަމުން އަންނަ ކަމަށާއި ތަހުގީގަށް ފަހު އެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.