ދާރުއްސަލާމް (06 ޖޫން) - އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ބާރުއަޅާ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރަމުން އަންނަ ތުހުމަތުތައް އޭނާ ދޮގު ކުރައްވައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ގުޅިފައިވާ ވެރިކަމެއް އުފެދުމާއެކު މަގާމުން ދުރުވާން ޖެހިފައިވާ ނަތަންޔާހޫއަކީ އެ ގައުމުގައި މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާ އެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ޖަލުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވޭ ނަތަންޔާހޫ ވަނީ އޭނާގެ ސަޕޯޓަރުން ހަތިޔާރަކަށް ހަދައި، އާ ސަރުކާރު ވެރިކަމަށް އެރުމަށްޓަކައި ބާއްވާ އިންތިހާބުގެ ކުރިން އިދިކޮޅު ފަރާތްތަކަށް ގޮންޖަހާފަ އެވެ.

އިޒްރޭލްގެ ޝިން ބެޓް އިންޓާނަލް ސެކިއުރިޓީ އޭޖެންސީއިން ވަނީ ގައުމުގައި ހަމަނުޖެހުމާއި ނަފްރަތަށް ބާރުއަޅާ ފަރާތްތަކަށް އާއްމު އިންޒާރެއް ދީފަ އެވެ. ނަމަވެސް އެއީ ވަކި ފަރާތަކަށް ދިން އިންޒާރެއް ކަމަށް އެ އެޖެންސީއިން ބުނެފައެއް ނުވެ އެވެ.

ނަތަންޔާހޫ ވިދާޅުވީ އޭނާ ބާރުއަޅަނީ ހަރުދަނާ ސިޔާސީ ފާޑުކިޔުންތަކަށް ކަމަށާއި ހަމަނުޖެހުންތަކަށް ހިތްވަރު ދިނުމާ ތަފާތު ކަމަށެވެ.

ނަތަންޔާހޫގެ ސަޕޯޓަރުން ދަނީ އޭނާއަށް އެގައުމުގައި އޮންނަ ސަޕޯޓް އިތުރު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް